ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ ބޮލީވުޑްގައި މި ވަގުތު އެންމެ ނަން މަޝްހޫރު އެއް ޖޯޑެވެ.

ދެ ތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ސޯޝަލް މީޑިއާއާއި އާންމުންގެ ތެރޭގައި ދެކެވޭއިރު، ދެ ތަރިން ކައިވެނި ކުރާނެ ދުވަހަކަށް އާންމުން ދަނީ އިންތިޒާރު ކުރަމުންނެވެ.

ދެ ތަރިންގެ ފޭނުން ކުރަމުން އަންނަ ދިގު އިންތިޒާރަށް ނިމުމެއް ގެންނަ ފަދަ އިޝާރާތެއް އެ ދެ ތަރިން ވެސް ކޮށްފައިވާއިރު، ރަންބީރު ބުނީ، އެ ދެ ތަރިން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށެވެ.

ނަމަވެސް ދެ ތަރިން ވެސް ކައިވެނި ކުރާ ދުވަސް އާންމުންނަށް ހާމަކޮށްފައި ނުވާއިރު، މައުލޫމާތު އެނގޭ ފަރާތަކުން ވަނީ އެ ދެ މީހުންގެ ކައިވެނި އޮތީ މިމަހުގެ 17 ވަނަ ދުވަހުގައި ކަމަށް އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދީފަ އެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި ދެ އާއިލާއިން މިވަގުތު ދަނީ އެކައިވެންޏަށް ފޯރިއާއެކު ތައްޔާރުކުރަމުންނެވެ.

ދެ ތަރިންގެ ބޮލީވުޑްގެ މަސައްކަތްތަކަށް ބަލާއިރު ރަންބީރުއާއި އާލިއާ އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ ކަރަން ޖޯހަރުގެ ފިލްމް ބްރައްމާސްތުރާއިން އެކުގަ އެވެ.