ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ ބޮލީވުޑްގައި މިވަގުތު އެންމެ ނަން މަޝްހޫރު އެއް ޖޯޑެވެ. ހަމައެހެންމެ ބޮލީވުޑްގައި އެންމެ ބޮޑަށް ފާއިތުވި ދުވަސްތަކުގައި ދެކެވުނު ވާހަކަތަކަކީ އެ ދެފަންނާނުންގެ ކައިވެނީގެ ވާހަކަތަކެވެ.

ދެ ފަންނާނުން ކައިވެނިކޮށް، ފޮޓޯތައް އާންމުންނާ ހިއްސާކޮށްފައި ވާއިރު، އާލިއާ އާއި ރަންބީރު ކައިވެނި ކޮށްފައި ވަނީ މުމްބާއީގައި ހުންނަ ރަންބީރުގެ ގޭގަ އެވެ. އަދި އެ ދެ ފަންނާނުންގެ ކައިވެންޏަށް ދައުވަތު ދީފައިވަނީ މަދު ބަޔަކަށެވެ.

ކައިވެނިކުރުމަށްޓަކައި ރަންބީރާއި، އާލިއާގެ ގެ ވެސް ރީތިކޮށްފައިވެ އެވެ. ހަމައެހެންމެ އެ ދެމީހުންގެ ކައިވެނީގައި އެކި އެއްޗެތި ފަރުމާކޮށްފައިވާ ގޮތަށް ގިނަ ބައެއްގެ ތައުރީފާއި ހައިރާންކަން ވެސް ލިބިފައިވެ އެވެ.

އޭގެ ތެރޭގައި ދެފަންނާނުންގެ ކައިވެނީގެ އުފަލުގައި ފެޅި ކޭކު ހިމެނޭއިރު، އެދެމީހުންގެ ކައިވެންޏަށް އެޅި ކޭކަކީ 24 ގަޑިއިރުން އެޅި ކޭކެއް ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

ތިން ބުރިއަށް އަޅާފައިވާ އެ ކޭކު އަޅާފައިވަނީ ހުދު ކުލައިންނެވެ. އަދި ކޭކުގެ ވަށައިގެން ފިޔާތޮށި ކުލައިގެ މާ ލާފައިވެ އެވެ.

އާލިއާ އާއި ރަންބީރު ކައިވެނީގެ ގޮތުން ގުޅުނީ މިމަހުގެ 14 ވަނަ ދުވަހުގަ އެވެ. އަދި ދެފަންނާނުންގެ ކައިވެނި ބާއްވާފައިވަނީ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށެވެ.

ދެ ތަރިންގެ ބޮލީވުޑްގެ މަސައްކަތްތަކަށް ބަލާއިރު ރަންބީރުއާއި އާލިއާ އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ ކަރަން ޖޯހަރުގެ ފިލްމް ބްރައްމާސްތުރާއިން އެކުގަ އެވެ.