މާލޭ ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދޭން އެދި ފިނޭންސް މިނިސްޓްރީއަށް ފޮނުއްވުމަށް ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

މި މިކަން މިގޮތަށް ފާސްކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 51 ވަނަ އާންމު ޖަލްސާގަ އެވެ.

މުސާރަ ބޮޑުކޮށްދޭން އެދި ކައުންސިލަށް ހުށަހެޅުއްވީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ.

ނަރީޝް ހުށަހަޅުއްވި މިހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވީ ސަރުކާރުގެ އެހެން މުވައްސަސާތަކުގެ މުސާރަ ވެސް ބޮޑު ކުރަމުން އަންނަ މި ދަނޑިވަޅުގައި ކައުންސިލް މުވައްޒަފުންގެ މުސާރަ ވެސް ބޮޑު ކޮށްދޭން ޖެހޭ ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަކީ ރައްޔިތުންނާއި ގުޅުންހުރި އެކިއެކި މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރަމުން އަންނަ ބައެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް (ވ) ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި. ފޮޓޯ: ސިޓީ ކައުންސިލް

ނަރީޝް ވިދާޅުވީ ދިވެހިރާއްޖޭގެ ތިން ބައި ކުޅަ ދެ ބަޔަށް ހިދުމަތް ދެނީ މާލެ ސިޓީ ކައުންސިލްގެ މި މުވައްޒަފުންކަމަށާއި އެހެންކަމުން މުވައްޒަފުން މި ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ދެވެން ވާނެ ކަމަށެވެ.

އޭނާ ވަނީ ސަރުކާރުން މާލެ ސިޓީ ކައުންސިލާއި މެދު ކަންތަށް ކުރަމުންދާ ގޮތާއިމެދު ނުރުހުން ފާޅުކުރައްވާފަ އެވެ. އެގޮތުން ކައުންސިލްގެ މަސައްކަތަށް ބޭނުންވާ އެތަކެއް މުވައްޒަފުންނެއް ސަރުކާރުގެ ހުއްދަ ނުލިބުމުގެ ސަބަބުން ނުނެގިވާ ކަމަށް ނަރީޝް ވިދާޅުވި އެވެ. އަދި ސިޓީ ކައުންސިލްގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ނުކުރެވޭ ސަބަބަކީ ވެސް މުވައްޒަފުންގެ ދަތިތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ 51 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވަނީ ކައުންސިލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރާވާ ހިންގާ ހަރަކާތްތައް ވިލަރެސް ކުރުމަށް ކޮމިޓީއެއް އެކުލަވާލުމަށް ވެސް ފާސްކޮށްފަ އެވެ.