މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްކަމުން ޝަހުބާން ފަހުމީ އިސްތިއުފާދޭން ގޮވާލައި އެ ކައުންސިލްގެ ނުވަ މެމްބަރަކު ސޮއިކޮށް، ގަރާރެއް ނެރެފި އެވެ.

ޝަހުބާންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުކުރެވޭތީ އޭނާގެ މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް ހުށަހަޅާފައިވެ އެވެ.

ޝަހުބާންގެ މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.

މީޑިއާ ކައުންސިލްގެ ގާނޫނުގައިވާ ގޮތުން އެ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވާނީ ފަސް ހާލަތެއް މެދުވެރިވުމުންނެވެ. އެއީ ދައުރު ހަމަވުމުން، އިސްތިއުފާދިނުމުން، ކައުންސިލުގެ މެމްބަރުކަމުން ވަކިކުރުމުން، މަރުވުން ނުވަތަ މެންބަރެއްގައި ހުރުމަށް އެ ގާނޫނު ލާޒިމުކުރާ ސިފައެއް އުނިވުމުންނެވެ.

ޝަހުބާން ފަހުމީ އާއި އޭނާގެ ބޭބެ އަލްހާން ފަހުމީ ހިމެނޭހެން އުފައްދާފައިވާ ކިންގްސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާ އުސޫލުތަކާއި ހިލާފަށް އާންމުކޮށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން މިހާރުދަނީ ތަޙުގީގު ކުރަމުންނެވެ.

ޝަހުބާން ފަހުމީ

ސަންގު ޓީވީގެ ނިޢުސް ހެޑްގެ ގޮތުގައި މަސައްކަތްކުރާ ޝަހުބާން ވަނީ ފުލުހުން ތަހުގީގުކުރާ އެ މައްސަލައަށް އިންކާރުކޮށް، ކައުންސިލުން އިސްތިއުފާ ދޭން ދެކޮޅު ހަދައިފަ އެވެ.

ގޮތްދޫނުކުރާ ވިސްނުމެއް ގެންގުޅޭ ޝަހުބާން މަގާމުން އިސްތިއުފާދޭން ދެކޮޅު ހެދުމުން މިދިޔަ ހަފުތާގައި އޭނާ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގި އެވެ. ނަމަވެސް ބައެއް މީޑިއާތަކަށް ނުފޫޒު ފޯރުވައިގެން އެ ވޯޓު ފާސްވާ ގޮތެއް ނުވި އެވެ.