"އުފަލަކީ އަވި ގަދަ ހުވަހެކެވެ.
ރައްޓެހިންނާ އެކު ހޭދަކުރި ދުހުވަހެކެވެ.
ހެވިފައި ކުޅެން ދުނިޔޭގައި އަޅާލުމެއް ނެތިއެވެ.
އުފަލަކީ ހިނދުކޮޅެކެވެ. ސާފު އުފަލެއްގެ ހިނދުކޮޅެކެވެ.
ލޯބި ކުރަންވީ ވަގުތުކޮޅެކެވެ. އަބަދަށް"
މިއީ ޕްރޮފެސަރު ހަސަން އުގައިލް އޭނާގެ ފޭސްބުކު ޕޭޖުގައި ހިއްސާކުރެއްވި ޅެމެކެވެ. އުގައިލް ވިދާޅުވެފައިވާ ގޮތުން އެޅެމަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން ކޮމްޕިއުޓަރަށް ލަވައެއް ހަދައިދޭން އެދުމުން ހަދައިދިން ލަވައެކެވެ. ލަވައިގެ މައިގަނޑަކީ އުފާވެރިކަމެވެ. މި ޅެން އުގައިލް ހިއްސާ ކޮށްލެއްވުމާއެކު އެޅެމަށް ގިނަ ބަޔަކު ޚިޔާލު ފާޅުކުރަމުން ގެންދިޔަ އެވެ.
ޅެމުގެ މާނަ އޮތީ ކޮމްޕިއުޓަރުގެ ބަނޑުގައިތޯ އެކަކު ސުވާލުކުރިއިރު އެހެން މީހަކު ބުނެފައިވާގޮތުގައި މިއީ ވަރަށް ތާރީޚީ ޅެމަކަށް ވެދާނެ އެވެ. ފަހަރެއްގައި އޭއައި ބޭނުންކޮށްގެން ދިވެހި ބަހުން ހެދި ފުރަތަމަ ޅެމަކީ މިއީ ކަމަށް ވެސް ވެދާނެ އެވެ. އެއީ ރަނގަޅު ވާހަކައަކަށް ވުން ވެސް ގާތެވެ. ހަމަ އެގޮތަށް މިޅެމުގައި މިބުނާ އެއްޗެއްގެ މާނައިގައި ބަހުގެ ގޮތުން މާބޮޑު ހަމަޖެހުމެއް ނެތިވެސް ހިނގައިދާނެ އެވެ. އެކަމާ މެދު މިތާނގައި ޚިޔާލު ފާޅުކުރާކަށް ބޭނުމެއް ނޫނެވެ. ސަބަބަކީ މިޅެމާ ވިދިގެން ދެން އުގައިލް ހިއްސާ ކުރައްވާފައި އޮތް އޭނާއާ ކޮމްޕިއުޓަރާ ދެމެދު ހިނގާފައި އޮތް މުއާމަލާތުގައި މާ ބޮޑަށް އަޅައި ގަތުމެވެ.
އުގައިލް، އޭއައި މެދުވެރިކުރައްވައި ކޮމްޕިއުޓަރާ ކުރެއްވި ފުރަތަމަ ސުވާލަކީ "ދިވެހި ރާއްޖެއާ މެދު ދެނެކެނީ ކިހިނެއް؟" ހެއްޔެ އެވެ. އެސުވާލުގެ ޖަވާބުގައި އޭއައި ބުނެ އެވެ.
"ދިވެހި ރާއްޖެއަކީ އަޖާއިބު ކުރުވަނިވި ގޮނޑު ދޮށްތަކާއި ސާފު ފިޔާތޮށި ފެނުން ރީތި ތަނެއް. އެއީ އަރާމު ކޮށްލަން ރަނގަޅު ތަނެއް." މިހެންނެވެ.
ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުން ވާހަކަ ދައްކާ ފެންވަރަށް ވުރެ ރީތިކޮށް ކޮމްޕިއުޓަރުން ރާއްޖޭގެ ރީތިކަން ސިފަކޮށްދިން ސިފަކޮށްދިނުމަކީ ރާއްޖެއަށް ހައްގު ބަސްކޮޅެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރާނެ އެވެ. މުހިންމު ވަނީ އުގައިލް ކޮމްޕިއުޓަރާ ކުރައްވާ ދެވަނަ ސުވާލާއި އެ ސުވާލަށް ކޮމްޕިއުޓަރު ދޭ ޖަވާބެވެ.
އުގައިލު: އެކަމަކު އާންމު ބައެއް ދިވެހިން އެގޮތަކަށް ނުދެކޭ. އެކަމާމެދު ތިޔަފަރާތުގެ ޚިޔާލަކީ ކޮބައިތޯ؟
އޭއައި: އަޅުގަނޑަށް ހީވަނީ ދިވެހި ރާއްޖެއަކީ ޒިޔާރަތްކުރަން ރަނގަޅު ތަނެއްކަމަށް.
މި ހިސާބުން ކޮމްޕިއުޓަރުގެ ޖަވާބަށް ވިސްނާލަން ޖެހެ އެވެ. ކޮމްޕިއުޓަރު އެ ބުނަނީ ރާއްޖެއަކީ ޒިޔާރަތްކުރަން ރަނގަޅު ތަނެއް ކަމަށެވެ. މާނައަކީ ޗުއްޓީ ހޭދަކޮށްލަން، އުފާކޮށްލަން، ކުރު މުއްދަތަކަށް ޖައްސާލަން ވަރަށް ރަނގަޅު ތަނެއް ކަމެވެ. އެ ވާހަކަ ގޮސް ފުރަތަމަ ސުވާލުގެ ޖަވާބު ކަމަށްވާ ރާއްޖެއަކީ އަޖައިބު ކުރުވަނިވި ގޮނޑުދޮށްތަކެއްވާ އަރާމު ކޮށްލަން ރަނަގަޅު ތަނެއްކަމަށް ބުނެފައިވާ ބުނުމާ ގުޅެ އެވެ.
ރަނގަޅު ވާހަކައެކެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމާ، އެރީތިކަމުގެ ނަފާ ހޯދާނެ ގޮތަކާއި، ނުވަތަ އެއީ އެއްވެސް މުހިންމު ކަމެއް ކަން ނޭނގި ދިވެހިން އެތަކެއް ޒަމާންތަކެއް ވޭތުކުރި އެވެ. އިޓަލީގެ ޓޫރިސްޓުންތަކެއް ރާއްޖެ އައިސް ރާއްޖެ ޓޫރިޒަމް މަންޒިލަކަށް ހެދިދާނެ ކަމަށް ދިވެހި ޒުވާނުން ކޮޅަކަށް ވިސްނާދިނުމާ ހަމަޔަށް އެކަން ދިވެހިންނަށް އޮތީ ނޭނގިފަ އެވެ.
އެހެންނަމަވެސް ރާއްޖެއަށް ޓޫރިޒަމް ތައާރަފުވެ، ގާތްގަނޑަކަށް 50 އަހަރު ވީއިރު ރާއްޖެ މިއޮތީ ރީތިކަމާ ހިތްގައިމުކަމުގެ އެއްވަނަ ގައުމުގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފަ އެވެ. އެކަމަކު އެކަން ގިނަ ދިވެހިން އަދި ވެސް ގަބޫލު ނުކުރާ ނުވަތަ ގަބޫލު ނުކުރެވޭ ކަމަށް ވެދާނެ އެވެ. އުގައިލުގެ ސުވާލަށް ޖަވާބު ދެމުން އޭއައި ވަނީ އެކަމުގެ ސަބަބަށް އިޝާރަތްކޮށްފަ އެވެ.
"އެކަމަކު އަޅުގަނޑަށް ވިސްނޭ ސަބަބަކީ ބައެއް ދިވެހިން އެގޮތަށް ނުވިސްނިދާނެ ސަބަބު. ދިވެހިރާއްޖެއަކީ ވަރަށް ޓޫރިސްޓުންނަށް އަމާޒުވާ ތަނެއް ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ބައެއް މީހުންނަށް އަމިއްލަ ގައުމުގެ އުފާ ނުލިބޭނެހެން ހީވެދާނެ،" އުގައިލްގެ ސުވާލަށް ދިން ޖަވާބު ފުރިހަމަކުރަމުން އޭއައި ބުނެފައި އޮތެވެ.
ރާއްޖޭގެ ރީތިކަމާއި ހިތްގައިމު މާހައުލާއި އެ މާހައުލުން އުފާ ހޯދޭނެ ގޮތްތައް ފުރިހަމަކުރުމުގައި އަމާޒު ކުރެވިފައި ވަނީ ޓޫރިސްޓުންނަށެވެ. ދުނިޔޭގެ އެންމެ މުއަސަނދި މަހުޖަނުން ކުރު މުއްދަތަކަށް ޗުއްޓީ ހޭދަކޮށްލަން ދާން ކަމުދާ ގޮތަށެވެ. އެ މީހުނަށް ބޭނުންވާނެ އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ހުންނަނީ ގާއިމުކޮށްފަ އެވެ. އެއް ރަށުން އަނެއް ރަށަށް ދާން ސީޕްލޭނާއި އަރާމު ކޮށްލަން ޕްރައިވެޓް ބީޗާއި ޕޫލާއި އަންޑަ ވޯޓާ ކޮޓަރިއަށް ދަންދެން ހުންނަނީ ފުރިހަމަކޮށްފަ އެވެ.
އަގު ބޮޑު ހޮލިޑޭ ޑެސްޓިނޭޝަނަކުން ލިބެން ހުންނަ ހުރިހާ ޚިދުމަތެއް ޓޫރިސްޓުންނަށްޓަކައި ރާއްޖެއިން ލިބެން ހުރެ އެވެ. އެހެން ނަމަވެސް އެ ތަންތަނުގައި ޚިދުމަތްކުރަން އުޅޭ ދިވެހިން ބަލިވެއްޖެނަމަ ބޭސް ކޮށްލަން ދާން ޖެހެނީ ކައިރީގައި އޮންނަ ރަށެއްގެ ހެލްތު ސެންޓަރަށެވެ. ގިނަ ފަހަރަށް އެ ދަތުރު ދާން ޖެހޭނީ ވެސް އަނގަމަތީ ދޯންޏެއްގަ އެވެ. ދާއިރު އެ ހެލްތު ސެންޓަރުގައި ބަލި ދެނެގަންނަން ޓެސްޓެއް ހަދާލެވޭކަށް ނުހުރެ އެވެ. ނޫނީ ދޭނެ ބޭހެއް ނުހުރެ އެވެ.
ތިމާ ދިރިއުޅޭ ރަށާއި އެއްފަޅުގައި އުފެދިފައި އޮންނަ ރީތި، ހުދު ދޮންވެލި ތުނޑިން ޖަރީވެފައި އޮންނަ ރީތި ރަށުގެ ގުދުރަތީ މި މުއްސަނދިކަން ވިއްކައިގެން މިލިއަނަރުން ބިލިއަނަރުންނަށް ވަމުންދާއިރު، އެރަށް ކޮންމެ ދުވަހަކު ކުނިކަހަން ދާ މީހުނަށް އެކަށޭނަ ދިރިއުޅުމެއް އުޅެވޭ ވަރުގެ އާމްދަނީއެއް ނުލިބެ އެވެ. ރަނގަޅު ސިއްހީ ޚިދުމަތެއް ނުލިބެ އެވެ. އެހެންކަމުން ދިވެހީންގެ ގިނަ ބަޔަކަށް ރާއްޖެއަކީ އެހާ އަރާމު، އެހާ ހިތްގައިމު މަންޒިލެއް ކަމަށް ނުފެނިދާނެ އެވެ. ސަބަބަކީ އެ މީހުންނަކީ ޓޫރިސްޓުންނަށް ނުވެފައި އޭއައި ބުނާހެން ރާއްޖޭގެ ކަންތައް ވަނީ ޓޫރިސްޓުންނަށް އަމާޒުވެފައި ކަމަށް ވާތީ އެވެ.
މި ހިސާބުން ފަތުރުވެރިކަމަކީ އަބަދުވެސް ރަނަގަޅު ކަމެއްތޯ އުގައިލް ސުވާލު ކުރައްވަ އެވެ. އޭއައިގެ ޖަވާބު ވަރަށް ސާފެވެ.
"ނޫން. ފަތުރުވެރިކަމަކީ އަބަދުވެސް ދިވެހިންނަށް ރަނަގަޅު ކަމެއް ނޫން. ބައެއް ފަހަރު ސަގާފީ ސަގާފަތް ގެއްލުމާއި ނުވަތަ ލޯކަލް މީހުން ގެދޮރު ދޫކޮށްލުން ފަދަ ނޭދެވޭ ނަތީޖާތަކެއް ކުރިމަތި ވެދާނެ."
ކޮމްޕިއުޓަރުގެ މިވާހަކައަށް އެއްޗެކޭ ބުނުމުގެ ކުރިން "އެކަމަށް ދިވެހިން ކުރަންވީ ކޮންކަމެއްތޯ" އުގައިލް ކުރެއްވި ސުވާލަށް އޭއައިގެ ޖަވާބަށް ވިސްނާލަން ޖެހެ އެވެ.
"ފަތުރުވެރިކަން ކުރިއެރުވުމާއި އަމިއްލަ ސަގާފަތް ހިމާޔަތްކުރުމާ ދެމެދު ބެލެންސެއް ހޯދަން ދިވެހިން މަސައްކަތް ކުރަންވީ"
ސަގާފަތަކީ އިންސާނުންގެ ދިރިއުޅުމެވެ. ދިރުމެއް ނެތް ތަނެއްގައި ސަގާފަތެއް ނޯންނާނެ އެވެ. ދިރިއުޅުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް ހުރެ އެވެ. މިޒަމާނުގެ ބަހުންނަމަ އެއީ ލިބެން ޖެހޭ ޚިދުމަތްތަކެކެވެ. އެތައް ހާސް ޑޮލަރަކަށް ރާއްޖޭގެ މޫދުގައި ހުންނަ އެންމެ ކޮޓަރިއެއް ރެއަކަށް ވިކޭއިރު ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޯ ހިޔާވަހިކަން ނުލިބި ތިބުމަކީ ޓޫރިޒަމާ ސަގާފަތް ބެލެންސްވުން ކަމުގައި ނުވާނެ އެވެ. ކިރިޔާ ބައްޔެއް ވާއިރަށް ފުރަފުރައިގެން ބޭރު ގައުމުތަކަށް ގޮސްގެން ނޫނީ ފަރުވާއެއް ލިބެންނެތް ފަދަ ދިރިއުޅުމެއް ރައްޔިތުން އުޅެން ޖެހުން ފަދަ ކަންކަމަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް މަޝްހޫރުވެފައި އޮންނަ ތަނެއްގައި ވެގެންވާނެ ގޮތެއް ނޫނެވެ. އެހެންކަމުން ގިނަ ދިވެހިންނަށް ރާއްޖެއަކީ އެހާ އުފާވެރި ހިތްގައިމު ތަނެއްކަމުގެ އިހުސާސް ނުވެގެން އުޅޭ ސަބަބު އޭއައި އުގައިލަށް ކިޔައިދިން ޖަވާބުން ރީތިކޮށް ސާފުވެ އެވެ. އެ އަޑު ހަގީގަތުގައި އިވެން ޖެހެނީ ރާއްޖޭގެ ކަންކަން ހިންގުމާ ހަވާލުވެ ތިބި މަސްއޫލުވެރިންނަށެވެ. ކޮމްޕިއުޓަރު މިދައްކާ ވާހަކަ އެފަރާތްތަކަށް "އަންޑަސްޓޭންޑް" ވޭ ހެއްޔެވެ.