މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނިކޮށް ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމަށް އާރުޑީސީއާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ މެމްބަރުން ތުހުމަތުކޮށްފި އެވެ.

މިއަދު މާލެ ސިޓީ ކައުންސިލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން އަމީނީ މަގު ތަރައްގީ ކުރުމަށް އާރްޑީސީއާއެކުގައި މީގެ ކުރިން ކައުންސިލުން އެއްބަސްވުމުގައި ސޮއިކުރީ 39 މިލިއަން ރުފިޔާއަށް ކަމަށެވެ. އެ އަގު ކަނޑައެޅީ ވެސް އާރްޑީސީއިން ކަން މޭޔަރު މުއިއްޒު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ނަމަވެސް އިއްޔެ ޕްލޭނިން މިނިސްޓްރީއިން ވަނީ މާލޭ މަގު ހެދުމުގެ މަސައްކަތް 84 މިލިއަން ރުފިޔާއަށް އާރްޑީސީއަށް ހަވާލުކޮށްފަ އެވެ. އެއީ ކައުންސިލުން އާރްޑީސީއަށް އެ މަސައްކަތް ދިނުމަށް އެއްބަސްވި އަދަދަށް ވުރެ ދެގުނައަށް ވުރެ ވެސް ބޮޑު އަދަދެއް ކަމަށް މޭޔަރު ވިދާޅުވީ އެވެ.

''މަޝްރޫއު 39 މިލިއަނަށް ހަވާލުކޮށްފައި އޮއްވާ 84 މިލިއަނަށް ހަވާލުކުރީމަ ދެން މިއަށް ކިޔާނީ ކޮރަޕްޝަން ނޫން ވަކި ކޮން އެއްޗެއްތޯ،'' މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީން އާރްޑީސީއަށް އަމީނީ މަގު ހެދުމަށް ދިން ދިނުމުގައި ކޮރަޕްޝަންގެ އަމަލު ހިމެނޭ ކަމަށް މޭޔަރު ތުހުމަތު ކުރައްވާއިރު އެ މައްސަލައާ ގުޅޭގޮތުން ވަކި ފިޔަވަޅެއް އަޅާނީ ކައުންސިލުގެ މެމްބަރުންނާއެކު ބާއްވާ ބައްދަލުވުމަށް ފަހުގައި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އިއްޔެ ޕްލޭނިން މިނިސްޓްރީއިން މަގު ހެދުމުގެ މަޝްރޫއު ކައުންސިލްގެ އަތުން އަތުލުމަށް ފަހު އާރުޑީސީއާއެކު އަމީނީ މަގުހަދަން ސޮއިކުރުމަކީ ކައުންސިލްގެ އަތުން ލާމަރުކަޒީ ބާރުތައް ނިގުޅައިގަތުމަށް ކުރި މަސައްކަތެއް ކަމަށެވެ.

މިއަދު މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު ސައިފް ވާހަކަ ދައްކަވަނީ

މަގު ހެދުމުގެ މަޝްރޫއު، ކެބިނެޓުގެ ނިންމުމަކަށް ސިޓީ ކައުންސިލުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަށް ތާއީދު ކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ މިހާރު މި ފެންނަނީ މައި ސަރުކާރުން ނުފޫޒު ހިންގައިގެން ކުރާ ކަންކަމުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފުނޑިގެންދާތަން ކަމަށެވެ. އަދި މިއަމަލަކީ ކޮރޮޕްޝަނަށް މަގުފަހިވާގޮތައް ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށް ވެސް ސައިފް ތުހުމަތު ކުރެއްވި އެވެ.