ކޮންޓްރެކްޓާ ހިލާފުވެފައިވާ ކަމަށް ބުނެ އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ކަޕިލް ޝަރުމާއާ ދެކޮޅަށް އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅާފައިވަނީ ސައި ޔޫއެސްއޭ އިންކް ކިޔާ ކުންފުންޏަކުންނެވެ.

މިކުންފުނިން ކަޕިލް އާ ދެކޮޅަށް މައްސަލަ ހުށަހެޅީ 2015 ވަނަ އަހަރު ދެކުނު އެމެރިކާގައި އޮތް ޓުއާ އަކާ ގުޅޭ އެއްބަސްވުމާ ހިލާފުވެގެންނެވެ.

އެކުންފުންޏާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މިޓުއާގައި އެއްބަސްވެފައިވަނީ ކަޕިލް ހަ ޝޯ ދިނުމަށް ކަމަށާއި އެހެން ނަމަވެސް ކަޕިލް ދީފައިވަނީ ފަސް ޝޯ ކަމަށެވެ.

މި މައްސަލަ ފެންމަތިވުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭނެ ކަމަށް ކަޕިލް ވަނީ ބުނެފަ އެވެ. ނަމަވެސް ސައި ކުންފުނިން ވަނީ ކަޕިލްއާ ދެކޮޅަށް މައްސަލަ ހުށަހަޅާފަ އެވެ. މިކަން އެމީހުންގެ ފޭސްބުކް ޕޭޖްގައިވެސް ވަނީ އިޢުލާނުކޮށްފަ އެވެ.

އެ ކުންފުނީގެ ވެރިޔާ އަމިތު ޖެއިތުލީ ބުނިގޮތުގައި ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ދޭނަމޭ ކަޕިލް ބުނެފައިއޮތް ނަމަވެސް މިއަދާ ހަމައަށްވެސް ކަޕިލް އާއި ގުޅޭގޮތެއް ވެފައެއްނުވެ އެވެ. އަދި މި މައްސަލަ މިހާރު ވަނީ ނިއުޔޯކް ކޯޓަށް ހުށަހަޅާފައި ކަމަށާއި، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެމީހުން އަޅާނެކަމަށްވެސް އަމިތު ވަނީ ބުނެފަ އެވެ.

މިވަގުތުވެސް ކަޕިލް އާއި އޭނާގެ ޓީމުން މިހާރު އުޅެނީ ޓުއާ އެއްގައިގޮސް ދެކުނު އެމެރިކާގަ އެވެ. މި ޓުއާގެ ފޮޓޯ އާއި ވީޑިއޯވެސް ކަޕިލް ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

https://www.instagram.com/p/CfS2pdvrSjV/?hl=en

ކަޕިލް ޝަރުމާ ޝޯ މިވަގުތު އޮތީ މެދުކަނޑާލާފަ އެވެ. އެހެންނަމަވެސް އެޝޯގެ އާސީޒަނެއް ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.