ގެއްލިގެން ހޯދާ ނ. ހެނބަދޫ ޒުވާނާ ފުރައިގެން ދިޔަކަމަށް ބުނާ ކެނޯ، އެ އަތޮޅު ކެނދިކުޅުދޫގެ ގޮނޑުދޮށުން ފެނިއްޖެ އެވެ.

ކެނޯ އެއްގައި އެކަނި ކަނޑުމައްޗަށް ނުކުތް އެރަށު ކުންނާރުގެ، އިބްރާހީމް ރާމިޒް 28، ހޯދަން ފެށީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ.

އޭނާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެރަށު ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު ވިދާޅުވިގޮތުގައި އެޒުވާނާ ގޮނޑުދޮށް ސަރަހައްދަށް ދިޔަކަމަށް ބެލެވެނީ ކެނޯއެއްގައި އެވެ. އަދި ކެނޯ ބާލާފައި އޮތްކަން އެނގެން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ކެނދިކުޅުދޫ ކައުންސިލާއި ހަވާލާދީ ހެނބަދޫ ކައުންސިލުން ބުނީ، ކެނޯ ކެނދިކުޅުދޫ ގޮނޑުދޮށަށް ލައްގާފައިވަނިކޮށް ފެނިފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެހެން ނަމަވެސް ރާމިޒްގެ އެއްވެސް ހަބަރެއް ލިބިފައި ނުވާކަމަށް އެ ކައުންސިލުން ބުނެ އެވެ.

ހެނބަދޫ ކައުންސިލުން އިތުރަށް ބުނީ، އެކަން ކަމާއި ބެހޭ އިދާރާތަކާއި ހިއްސާކޮށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ރާމިޒް ގެއްލިގެން އެމްއެންޑީއެފުން ކަނޑުމަގުންނާއި ވައި މަގުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ރާމިޒްގެ އާއިލާއިން ބުނީ، އޭނާ ކަނޑަށް ނުކުތްކަމަށް ލަފާކުރެވެނީ އޭނާގެ ބައްޕަގެ ކެނޯއެއްގައި ކަމަށެވެ.

ރާމިޒްގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ މަނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވެ އެވެ.