ލޯބީގެ ގޮތުން ގުޅިގެން އުޅެ އެތައް ވައުދަކާއި އަހުދެއް ވެފައި ދުރުވާން ޖެހުމަކީ ވަރަށް ހިތްދަތި ކަމެކެވެ. އެކަމުން އަރައިގަތުމަކީ އަހަރެމެން ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިޔަސް ފަސޭހަކަމެއް ނޫނެވެ. އަދި އެކަމަށް ގިނަ ދުވަސްތަކެއްވެސް ހޭދަވެދާނެ ކަމެކެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އެކަމުން އަރައިގަތުމުގެ ނަމުގައި ވެސް ކޮށްގެން ނުވާނެ ކަންތައްތަކެއް ވެއެވެ.
މި ހިއްސާކޮށްލަނީ އޭގެ ތެރެއިން ބައެއް ކަންތައްތަކެވެ.
ދެވަނަ ފުރުސަތަކަށް އާދޭސް ކުރުން
ބްރޭކްއަޕް ވުމަށްފަހު ބައިވެރިޔާ މަތިން ވަރަށް ހަނދާންވާނެ އެވެ. އަދި އެކީގައި ހޭދަކުރި އުފާވެރި ވަގުތުތައް މަތިންވެސް ހަނދާން ވާނެ އެވެ. އެހެން ނަމަވެސް ދެވަނަ ފުރުސަތަކަށް އެދި ސަލާން ނުޖަހާށެވެ. ތިމާ އާއި އެކީގައި އުޅެން ބޭނުންވާ މީހެއް ނަމަ ފުރަތަމަ ކަމަކަށް ދޫކޮށް ނުދާނެ އެވެ. އަދި މިފަދަ ހިޔާލެއް އަންނަ ހިނދު އަމިއްލަ ނަފުސާ ކުރަން ޖެހޭ ސުވާލެއް އޮވެ އެވެ. ތި ހަނދާން ވަނީ ބައިވެރިޔާގެ މަތިން ހެއްޔެވެ؟ ނުވަތަ ބައިވެރިޔަކު ހުރުމުން ވާ އިހުސާސުގެ މަތިން ހެއްޔެވެ؟ އެކްސް އަށް ގުޅާ މެސެޖު ކުރުން ބްރޭކްއަޕް ވުމަށް ފަހު އެމީހަކާ އެއްވެސް ކަހަލަ މުވާސަލާތީ ގުޅުމެއް ބޭއްވުމަކީ އެމީހާގެ މަތިން ހަނދާން ހައްތާލުމަށް އުނދަގޫ ކަމެކެވެ. ބްރޭކަޕް އަކުން އަރައިގަތުމުގެ އެންމެ ފުރަތަމަ މަރުހަލާއަކީ އެމީހަކާ އޮންނަ ހުރިހާ ގުޅުމެއް ކަނޑާލުމެވެ. އެއަށް ފަހު އޭނާ އުޅޭ ނޫޅޭ ގޮތް ނުބަލާ 30 ދުވަހު ހުރެވޭތޯ ބަލާށެވެ. މި މުއްދަތު 40 އަދި 50 އިން ގޮސް އެންމެ ފަހުން އޭނާ އާ ނުލާ އުޅެން އާދަވެދާނެ އެވެ.
ބަދަލުހިފުން
ސީދާ ގޮތުން އަދި ނުސީދާ ގޮތުން ކުރީގެ ބައިވެރިޔާ ކިބައިން ބަދަލު ހިފުމަށް މަސައްކަތް ކުރެވޭ ތަން އާދެ އެވެ. މިއީ ކުރުން އެހާ ބުއްދިވެރިކަމެއް ނޫނެވެ. މިފަދަ ހިޔާލުތައް އަންނަ ހިނދު ފުން ނޭވާއެއް ލުމަށް ފަހު އަމިއްލަ ނަފުސާ މި ސުވާލުތައް ކުރާށެވެ. ބަދަލު ހިފުމުން ލިބެނީ ކޮން ހިތްހަމަޖެހުމެއް؟ މުސްތަގުބަލަށް މި ކަމުން ކުރާނީ ކޮން ފައިދާއެއް؟ ބްރޭކްއަޕް އަށް ފަހު ދިމާވާ ފުރަތަމަ މީހާ އާއި ރައްޓެހި ވުން/ ކައިވެނިކުރުން ބްރޭކްއަޕް އަށްފަހު ހިތާ ސިކުނޑީގައި އޮންނަނީ ބަދަލުހިފުމުގެ ރޫހެއް އަށަގެންފަ އެވެ. އަދި ހަޔާތުން އެ އުނިވާ ބައި އަވަހަށް ފޫބައްދަން މަސައްކަތް ކުރެވެ އެވެ. އެހެން ނަމަވެސް އުނދަގޫ އަދި ހިތާމަވެރި ބްރޭކް އަޕްއަކަށް ފަހު އެންމެ ރަނގަޅީ ސިންގަލްކޮށް ކުޑަ ދުވަސްކޮޅަކު ހުރެލާ އެ ހިނގާދިޔަ ކަންތައްތަކާ މެދު ވިސްނާލާ ބޯ ހަމަޖައްސާލުމެވެ. އަދި ކުރީގެ ގުޅުމުގައި ގޯށްކޮށް ދިޔައީ ކޮންތައްތަކެއްތީ ދެނެގަނެ ދެން އެކަންތައް ރަނގަޅު ކުރެވޭނެ ގޮތަކާ މެދު ވިސްނުމަކީ ވެސް ބުއްދިވެރިކަމެކެވެ.
ކުރީގެ ބައިވެރިޔާގެ ގޯސް ވާހަކަ ދެއްކުން
ބްރޭކްއަޕް އިން އަރައިގަތުމަށް ކުރީގެ ބައިވެރިޔާގެ ގޯސްވާހަކަ ދެއްކުން އެއީ ރަނގަޅުކަމެއް ނޫނެވެ. އޭގެއިން އެމީހާއަށް ވުރެ ތިމާގެ ފެންވަރު އެހެން މީހުންނަށް އެނގިގެންދާނެ އެވެ. އަދި މީގެ އިތުރުން ސިއްރު ހިފެހެއްޓުމަކީވެސް މުހިއްމު ކަމެކެވެ. އެކުގައި އުޅުނު އިރު އެކަކު އަނެކަކުގެ ސިއްރުތައް ހިއްސާކުރާނީ އެ ވަރަށް ދެމީހުންގެ ދެމެދުގައި އިތުބާރު އޮތުމުންނެވެ. ބްރޭކްއަޕްއަށް ފަހު ވެސް އެކަކު އަނެކަކަށް ކުރާ އިހުތިރާމެއްގެ ގޮތުން އެ ސިއްރުތައް ހިފަހައްޓަން ޖެހެ އެވެ.