ބޮލީވުޑްގެ މަޝްހޫރު އެކްޓަރެސް ކެޓްރީނާ ކައިފް ބަނޑުބޮޑު ކަމަށް ދެކެވޭ ވާހަކަތަކެއް ފެންމަތިވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހު ކައިވެނިކުރި ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ، ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް އަށް ދަރިޔަކު ލިބެން އުޅޭ ވާހަކަ މިފަހަރު ފެންމަތިވެފައިވަނީ ކެޓްރީނާގެ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެއަށް އައުމަށްފަހު އެބުރި އިންޑިއާއަށް ދިޔަ ތަނުންނެވެ.
އިއްޔެ ކެޓްރީނާ އާއި ވިކީ އެއާޕޯޓް ތެރޭގައި އުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.
ކެޓްރީނާ ކައިފްގެ ބަނޑުބޮޑުވި ވާހަކަ ދައްކާތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. ކޮންމެ ފަހަރަކު ވެސް އެ ވާހަކަތައް އެ މީހުން އަންނަނީ ދޮގުކުރަމުންނެވެ.
މިހަބަރު ރަސްމީކޮށް އެދެ ފަންނާނުން އިއުލާނު ކުރާނެ ވަގުތަކަށް ސަޕޯޓަރުން އަންނަނީ އިންތިޒާރު ކުރަމުންނެވެ.
މިފަހަރު ކެޓްރީނާ ބަނޑުބޮޑު ވާހަކަ މީޑިއާގައި ރިޕޯޓް ކުރުމުން ވެސް ކެޓްރީނާ އާއި ވިކީގެ ގާތް މީހުން މި ވާހަކަތައް މިފަހަރު ދޮގު ކޮށްފައެއް ނުވެ އެވެ. އަދި އެކަމާ ބެހޭ ގޮތުން އެމީހުން އަދި ވާހަކަ ދައްކާފައި ނުވާތީ މިފަހަރުގެ ހަބަރަކީ ސައްހަ ހަބަރެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ކެޓްރީނާ ކައިފް ދެން އެންމެ އަވަހަށް ފެނިގެންދާނީ ޓައިގާ 3 އިންނެވެ. އެ ފިލްމްގައި އޭނާ ފެންނާނީ ސަލްމާން ޚާންއާ އެކުގަ އެވެ. އަދި އިޝާން ޚައްތަރު އާއި ސިދާންތު ޗަތުރްވެދީ އާއެކު "ފޯން ބޫތު" ގައި ވެސް އޭނާ ފެނިގެން ދާނެ އެވެ.
އަނެއްކޮޅުން ވިކީގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު "މިސްޓަރ ލެލޭ" އާއި "ގޯވިންދާ މެރާ ނާމް" އާއި "ދަ ގްރޭޓް އިންޑިއަން ފެމިލީ" އަދި "ލަކްސްމަން އުޓެކަރ؛’ސް އަންޓައިޓްލްޑް ނެކްސްޓް" ހިމެނެ އެވެ.