އިންޑިއާ ސަރުކާރުންދޭ ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު އަޖޭ ދޭވްގަން އާއި ސޫރިޔާ އަށް ލިބިއްޖެ އެވެ.
އިއްޔެ ވަނީ 68 ވަނަ އިންޑިއާގެ ގައުމީ ފިލްމު އެވޯޑްސް ލިބުނު ފަރާތްތަކުގެ ނަންތައް އިއުލާނުކޮށްފަ އެވެ. އެގޮތުން އެންމެ މޮޅު އެކްޓަރުގެ އެވޯޑް އަޖޭއަށް ލިބިގެން ގޮސްފައިވަނީ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އިން އޭނާ ދެއްކި އެކްޓިން އަށެވެ.
ތިން ވަނަ ނެޝަނަލް އެވޯޑް ލިބުމާ ގުޅިގެން އުރުން 53 އަހަރުގެ އަޖޭ ވަނީ އޭނާގެ ކާމިޔާބީއަށްޓަކައި އާއިލާ އާއި ސަޕޯޓަރުންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
އަޖޭގެ އިތުރުން ދެން މިއެވޯޑް ލިބިގެން ގޮސްފައިވަނީ ތަމަޅަ އެކްޓަރު ސޫރިޔާ އަށެވެ. އޭނާ އަށް މިއެވޯޑު ލިބުނީ "ސޫރާރާއީ ޕޮއްޓްރޫ"އިން ދައްކާފައިވާ މޮޅު އެކްޓިން އަށެވެ.
ސޫރިޔާގެ "ސޫރާރާއީ ޕޮއްޓްރޫ" އަށް ވަނީ އެންމެ މޮޅު ފިލްމުގެ އެވޯޑްވެސް ލިބިގެން ގޮސްފަ އެވެ.
އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބުނީ މަލަޔާލަމް އަދި ތަމަޅަ ފިލްމުތަކުން ފެންނަ އަޕަރުނާ ބަލަމުރާލީ އަށެވެ.
މިފަހަރުގެ ފިލްމު އެވޯޑްސްގައި 300 އަށް ވުރެ ގިނަ ފީޗާ ފިލްމާއި 150 އަށް ވުރެ ގިނަ ނޮން-ފީޗާ ފިލްމު ވާދަކޮށްފައިވެ އެވެ. އަދި 50 ކެޓަގަރީ އަކުން އެވޯޑު ދީފައިވެ އެވެ.
މި އެވޯޑުތަކަށް 30 އަށް ވުރެ ގިނަ ބަހުން އުފައްދާފައިވާ ފިލްމުތައް ވަނީ ވާދަކޮށްފަ އެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ހުރެ މިދިޔަ ދެ އަހަރު އެވޯޑު ހަފްލާ ބާއްވައިފައެއް ނުވެ އެވެ. މިދިޔަ އަހަރު އެވޯޑު ލިބުނު މީހުންގެ ނަންތައް އިއުލާންކުރި އެވެ.
މި އަހަރު ނެޝަނަލް އެވޯޑްސްގެ ލިބުނު ފަރާތްތައް:
- މޮޅު ފީޗާ ފިލްމު: ސޫރަރައި ޕޮއްޓުރޫ
- މޮޅު ޑައިރެކްޓަރު: ސަޗިނަންދަންނަން ކޭއާރް (އައްޔަޕަނުން ކޮޝިޔަމް)
- ބެސްޓް ޕޮޕިއުލާ ފިލްމު: ތާނާޖީ
- މޮޅު ބަތަލާ: އަޕަރްނާ ބާލަމުރާލީ (ސޫރަރައި ޕޮއްޓުރޫ)
- މޮޅު ސަޕޯޓިން ބަތަލު: ބިޖޫ މެނަން (އައްޔަޕަނުން ކޮޝިޔަމް)
- މޮޅި ސަޕޯޓިން ބަތަލާ: ލަކްޝީ ޕްރިޔާ (ސިރަންޖަނިޔުމް އިއްނަމް ސިލާ ޕެންގަލަމް)
- މޮޅު ސްކްރީންޕްލޭ: ސޫރަރައި ޕޮއްޓުރޫ
- މޮޅު އެޑިޓިން: ސިރަންޖަނިޔުމް އިއްނަމް ސިލާ ޕެންގަލަމް
- މޮޅު ކޮސްޓިއުމް: ތާނާޖީ
- މޮޅު ހިންދީ ފިލްމު: ޓޫލްސިޑަސް ޖޫނިއާ
- މޮޅު ކަންނާޑާ ފިލްމު: ދޮއްލޫ
- މޮޅު މަލަޔާޅަމް ފިލްމު: ތިންކަލަޒްޝާ ނިޝްޗަޔަމް
- މޮޅު ތަމަޅަ ފިލްމު: ސިރަންޖަނިޔުމް އިއްނަމް ސިލާ ޕެންގަލަމް
- މޮޅު ތެލެގޫ ފިލްމު: ކަލަ ފޮޓޯ
- މޮޅު ހަރިއާންވީ ފިލްމު: ދާދާ ލަކްމީ
- މޮޅު ދިމާސާ ފިލްމު: ސަމްކޯރް
- މޮޅު ތުލޫ ފިލްމު: ޖީތިގޭ