ޖުލައި 31 ވަނަ ދުވަހުގެ އިރުއެރިތާ ގަޑިއެއްހާ އިރު ފަހުން އަލްގައިދާގެ ލީޑަރު އައިމަން ޒަވާހިރީގެ އާދައިގެ މަތިން، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އޭނާ ދިރިއުޅޭ ގޭގެ ބެލްކަންޏަށް ނުކުތެވެ. އެއީ މިސްރަށް އުފަން ޖިހާދީ އެކްޓިވިސްޓް ކޮންމެ ދުވަހެއްގެ ވެސް ފަތިސް ނަމާދަށް ފަހު އާދަކޮށް ކުރާ ކަމެކެވެ. އެކަމަކު އެއީ ޒަވާހިރީގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅެވެ.
އެ ދުވަހުގެ ހެނދުނު އަފްޣާނިސްތާން ގަޑިން 6:18 ގައި އެގޭގެ ބެލްކަންޏަށް ދެ މިސައިލް އަރައި 71 އަހަރުގެ ޒަވާހިރީ މަރާލި އެވެ. އެ ގޭގައި ދިރިއުޅުނު ޒަވާހިރީގެ އަންހެނުންނާއި ދަރިއަކަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. ލިބުނު ގެއްލުމެއް ވިއްޔާ ލިބިފައި ހުރީ އެ ގޭގެ ބެލްކަންޏަށެވެ. އެހާ ބޮޑަށް އަމާޒަށް އެ ހަމަލާ ވާސިލްވީ ކިހިނެއްބާވަ އެވެ؟ އެމެރިކާ އިން ބޭނުންކުރީ ކޮން ބާވަތެއްގެ މިސައިލެއް ބާވަ އެވެ؟ މީގެ ކުރިން އެމެރިކާ އިން ދިން މި ބާވަތުގެ ހަމަލާތަކުގައި އާއްމުންގެ އެތައް ބަޔަކު މަރުވުމުން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
ޒަވާހިރީ މަރާލަން އެމެރިކާ އިން ބޭނުންކުރީ ސީދާ އަމާޒަށް ނޫން ތަނަކަށް ގެއްލުމެއް ނުލިބޭ ޒާތުގެ މިސައިލެކެވެ. ޒަވާހިރީ އަށް އެމެރިކާ އިން އެތައް ދުވަހަކު ފާރަލައި އޭނާ އާދަކޮށް ކޮންމެ ދުވަހަކު ވެސް ކުރާ ކަންތަން އެމެރިކާ އިން ވަނީ ދެނެގަނެފަ އެވެ.
އެމެރިކާ އިން ބޭނުންކުރި މިސައިލް
ޒަވާހިރީ އަށް އެކަނި ހަމަލާ އަމާޒުވީ އެމެރިކާ އިން ބޭނުންކުރި މިސައިލްގެ ސަބަބުންނެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ޒަވާހިރީ މަރާލަން ބޭނުންކުރީ "ހެލްފަޔާ" މިސައިލް ކަމަށެވެ. އެއީ ވައިގެ ތެރޭން ބިމަށް ހަމަލާ ދޭން ބޭނުންކުރާ މިސައިލެކެވެ. ސެޕްޓެމްބަރު 11، 2001 އަށް ފަހު ކައުންޓަ-ޓެރަރިޒަމް ހަމަލާތަކުގައި އެމެރިކާ އިން މީގެ ކުރިން ވަނީ މި ބާވަތުގެ މިސައިލް ބޭނުންކޮށްފަ އެވެ.
ހެލްފަޔާ މިސައިލް ތަފާތު ޕްލެޓްފޯމްތަކުން އުދުއްސާލެވެ އެވެ. ހެލްކޮޕްޓަރާއި މަތިންދާ ބޯޓާ އަދި އެއްގަމުގެ ވެހިކަލަކުން ވެސް އެ މިސައިލުން ހަމަލާދެވެ އެވެ. ޒަވާހިރީ އަށް ހަމަލާ ދިނުމަށް ބޭނުންކުރީ ޑްރޯނެއްގައި މިސައިލް ހަރުކޮށްގެންނެވެ.
އީރާނުގެ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް 2020 ގައި ބަޣުދާދުގައި އެމެރިކާ އިން ބޭނުންކޮށްފައި ވަނީ ވެސް ހެލްފަޔާ މިސައިލް ކަމަށްވެ އެވެ. އަދި 2015 ގައި ސީރިއާގައި ޖިހާދީ ޖޯން މަރާލުމަށް ވެސް އެމެރިކާ އިން ބޭނުންކޮށްފައި ވަނީ މި ބާވަތުގެ މިސައިލެކެވެ. ބޭނުމަކީ ސީދާ އަމާޒަށް ނޫން ތަނަކަށް ލިބޭ ގެއްލުން ކުޑަކުރުމެވެ.
ޑްރޯން ބޭނުންކޮށްގެން ހެލްފަޔާ މިސައިލް އިން ހަމަލާ ދޭ އިރު، ޑްރޯން ދުއްވާ މީހާ އާއި އޭގައިވާ މިސައިލް އޮޕަރޭޓްކުރާ މީހާ އިންނާނީ އެއާ-ކޮންޑިޝަންކޮށްފައިވާ ކޮންޓްރޯލް ރޫމެއްގަ އެވެ. ބައެއް ފަހަރު އެއީ އެމެރިކާގައި ހުންނަ ރޫމަކަށް ވެސް ވެދާނެ އެވެ. ޑްރޯންގައިވާ ކެމެރާ ސެންސަރުތަކުން ސެޓެލައިޓަށް ފޮނުވާ ފީޑްތައް މެދުވެރިކޮށް ޑްރޯން އޮޕަރޭޓްކުރާ މީހާ އަށް ވަގުތުން މަންޒަރުތައް ލިބެމުންދާނެ އެވެ. ސްކްރީނުން ފެންނަ މަންޒަރުތަކުގައި ހަމަލާ ދޭން ބޭނުންވާ މީހާ ފާހަގަކުރުމުން، ޑްރޯނުން ފޮނުވާ ލޭޒާ ބީމެއް ސީދާ އެ މީހާގެ ގަޔަށް އެޅިފައި ހުންނާނެ އެވެ. ޑްރޯން އޮޕަރޭޓްކުރާ މީހާ އެ ލޭޒާ ބީމް ލޮކްކޮށްލުމާ އެކު އަބަދުވެސް އެ ބީމް އެޅިފައި ހުންނާނީ ހަމަލާ ދޭން ބޭނުންވާ މީހާގެ ގަޔަށެވެ. ޑްރޯން އޮޕަރޭޓްކުރާ މީހާ ބަޓަނަށް ފިތާލުމާ އެކު ލޭޒާ ޕާތާ އެއްގޮތަށް ވިދުވަރެއްހެން މިސައިލް އުދުހިފައި ގޮސް، އެ މީހާގެ ގައިގައި ލޭޒާ ބީމް އެޅިފައިވާ ތަނަށް ހަމަލާ ދެ އެވެ.
ޒަވާހިރީ އަށް ހަމަލާ ދިން އިރު އޭނާގެ ކައިރީގައި އެހެން މީހަކު ނެތެވެ. ގެއްލުން ކުޑަވީ އެހެންވެ އެވެ.
ޒަވާހިރީ މަރާލަން ބޭނުންކޮށްފައި ވަނީ ހެލްފަޔާ މިސައިލްގެ އާރް9އެކްސް މިސައިލެވެ. މިއީ ހަ ތިލަ ލީ މިސައިލެކެވެ. މި މިސައިލް ބޭނުންކުރުމުން އޭގައިވާ ކައިނެޓިކް ހަކަތައިގެ ބާރުގައި، ހަމަލާ އަމާޒުވާ މީހެއް، ތަނެއް ކޮށާ ކުދިކުދި ކޮށްލަ އެވެ.
އަލްގައިދާގެ އެހެން ލީޑަރެއް ކަމަށްވާ އަދި ޒަވާހިރީގެ ނައިބެއް ކަމަށްވާ އަބޫ ޚައިރު، ސީރިއާގައި 2017 ވަނަ އަހަރު މަރާލުމަށް ބޭނުންކޮށްފައި ވަނީ އާރް9އެކްސް މިސައިލެވެ. އެ ހަމަލާ އަށް ފަހު ނަގާފައި ހުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އަބޫ ޚައިރު ދަތުރުކުރަމުން ދިޔަ ކާރަށް ދިން ހަމަލާގައި އެ ކާރުގެ މަތިން ބާގަނޑެއް ހެދުމާއި އޭގެ ތެރޭގައި ތިބި މީހުންގެ ހަށިގަނޑު ވަނީ ކޮށާ ކުދިކޮށްލައިފަ އެވެ. އެހެން ގެއްލުމެއް ނުލިބެ އެވެ. ސަބަބީ ހެލްފަޔާ އާރް9އެކްސް މިސައިލްގައި ގޮވާތަކެތި ނުވަތަ ވޯހެޑް ބޭނުންކޮށްފައި ނުވާތީ އެވެ. ބްލެންޑަރަކުން ތަކެތި ކޮށާ ކުދިކޮށްލާ ގޮތަށް މިސައިލްގައިވާ ތިލަތައް އެނބުރި ގަންނަ ވަގުތު އިންސާނުން ވެސް ކޮށާ ކުދިކުދި ކޮށްލަ އެވެ.
ޒަވާހިރީގެ އަމަލުތަކަށް އެމެރިކާ އިން ފާރަލާތާ އެތައް ދުވަހެއް
ކާބުލްގައި ޒަވާހިރީ މަރާލުމަށް އެމެރިކާ އިން ހަމަލާ ދިނުމުގެ ކުރިން އެމެރިކާގެ ޖާސޫސުން އެއްކުރި މައުލޫމާތުތައް މިހާރު ދަނީ ހާމަކުރަމުންނެވެ. ޒަވާހިރީ ދިރިއުޅޭ ގެ އާއި އެ ގެ ހުރި ހިސާބުގަނޑުގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ވެސް އެމެރިކާގެ ޖާސޫސުން ވަނީ ހޯދައިފަ އެވެ. އެއީ ބައެއް އެމްބަސީތައް ވެސް ހުރި ސަރަހައްދެކެވެ. ޖުލައި މަސް ފެށުނު ފަހުން އެމެރިކާގެ ޖާސޫސުން ދިޔައީ ޒަވާހިރީ އަށް ފާރަލަމުންނެވެ. އެ މީހުންނަށް ފާހަގަވީ ކޮންމެ ދުވަހެއްގެ ވެސް ފަތިސް ނަމާދަށް ފަހު ޒަވާހިރީ ބެލްކަންޏަށް ނުކުންނަ ކަމެވެ. އެމެރިކާގެ ޖާސޫސީ ޑްރޯންތަކުން ޒަވާހިރީ އަށް ފާރަލަމުންދާތާ މަސްތަކެއް ވެއްޖެ ކަމަށް ބެލެވެ އެވެ.
ސެޕްޓެމްބަރު 11 ގެ ހަމަލާ އަށް ފަހު ޒަވާހިރީ އުޅޭ ތަނެއް ނޭނގުނު ނަމަވެސް އޭނާ ކާބުލް އަށް ބަދަލުވި ކަމަށް ބެލެވެނީ އެމެރިކާ ސިފައިން މިދިޔަ އަހަރު އަފްޣާނިސްތާނުން ފޭބި ފަހުންނެވެ. ޒަވާހިރީ ކާބުލްގައި އުޅޭކަން އެމެރިކާ އިން ދެނެގެންފައި ވަނީ މި އަހަރުގެ ކުރީކޮޅު އެވެ. އޭގެ ފަހުން ދިޔައީ އޭނާގެ އަމަލުތަކަށް ފާރަލަމުންނެވެ. އަދި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނަށް އެ މައުލޫމާތު ހިއްސާކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހު އެވެ. ޒަވާހިރީ މަރާލާނެ ގޮތުގެ ޕްލޭން ނިންމީ ޖޫން މަހު އެވެ. އަދި ޖުލައި މަސް ފެށުމާ އެކު އެކަން ވަނީ ރައީސް ޖޯ ބައިޑަން އަށް ހުށަހަޅައިފަ އެވެ. އޭގެ ފަހުން ޖުލައި 25 ވަނަ ދުވަހު ބައިޑަން ވަނީ އެ މައުލޫމާތު ކެބިނެޓާ ހިއްސާކުރައްވައިފަ އެވެ.
ޖުލައި 31 ވަނަ ދުވަހު ޒަވާހިރީ މަރާލުމަށް ކާބުލްގައި ހެލްފަޔާ މިސައިލުން ހަމަލާ ދެމުން ދިޔަ މަންޒަރު ވައިޓްހައުސްގެ ސިޗުއޭޝަން ރޫމުގައި ތިއްބަވައިގެން ބައިޑަން އާއި ސެކިއުރިޓީ ކެބިނެޓުން ދިޔައީ ވަގުތުން ބައްލަވަމުންނެވެ.
އެމެރިކާ އިން ވަނީ ޒަވާހިރީގެ ބޮލަށް 25 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.
އަސްލު ހެލްފަޔަރ އާއި އިންޝާﷲ އަދި ކަލޭމެން ކިބުރުވެރި ބޮޑާ ކާފަރުންނަށް ކުރިމަތި ލާން ޖެހޭނެ.
ވަރަށް ސަޅި ލިޔުމެއް. ވަރަށް ތަފްސީލްކޮށް ލިޔެފާވާ ލިޔުމެއް. މިކަހަލަ ލިޔުންތައް ބޭނުންވަނީ. ގިނަގިނައިން މިގޮތަށް ލިޔާނެ ކަމަށް އުއްމީދުކުރަން.