ކޮރަޕްޝަނާ ދެކޮޅަށް އައި ސަރުކާރުން ރާއްޖެ ކޮރަޕްޝަނުގެ ހާއްޔަކަށް ހަދާފައިވާ ކަމަށާއި "ޒީރޯ ޓޮލަރެންސް"ގެ މާނަ ވެސް އޮޅުވާލާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރުމަށް ރޭ ބޭއްވި "ހަވާލޭ ވަތަން"ގެ ޖަލްސާގައި ރައީސް ޔާމީން ވަނީ މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ޕްރޮމޯޓް ކުރަމުން ގެންދާ "ޒީރޯ ޓޮލަރެންސް"ގެ މާނަ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ކުރާ ކަމަކީ ސެޓްލްމަންޓް އެގްރިމެންޓް ހަދައިގެން ވަކި ބަޔަކަށް ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދިނުން ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ބަދަލު ދޭން ނުޖެހޭނެ ކަމަށް ގާނޫނީ ލަފާ ލިބިފައިވާ އެތައް ބަޔަކަށް ބަދަލުގެ ގޮތުގައި މި ސަރުކާރުން ފައިސާ ދީފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ގާތް ރަހުމަތްތެރިން ހިމެނޭ ގޮތަށް އެކިއެކި މީހުންނަށް ސެޓްލްމަންޓްގެ ނަމުގައި ސެޓްލްމަންޓް ކޮމެޓީއެއް ހަދައިގެން ދޭންވާ ފައިސާއެއް ދީ ނިމުނީމަ ސެޓްލްމަންޓް ކޮމެޓީ ވެސް އުވިގެން ދިޔައީ،" ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން އިންތިހާބުތަކާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމުގެ އިތުރުން ވަކި ބަޔަކަށް ކޮރަޕްޝަންގެ ތެރެއިން ވަޒީފާ ހޯދައިދެމުންދާ ކަމަށް ވިދާޅުވި އެވެ.

"އިންތިހާބަކާ ދިމާވުމުން ސަރުކާރުގެ ކުންފުނިތައް ކަމަށްވާ ފެނަކަ، ސްޓެލްކޯ އިން ވަޒީފާތައް އެބަ އުފައްދާ. އިންޖީނުގެއެއްގެ ކެޕޭސިޓީ އިތުރު ނުވާ ނަމަ ވަޒީފާތަކެއް ކުއްލިއަކަށް އިތުރުވެގެން ނުދާނެ. އެކަމަކު އިންތިހާބު ކައިރިވުމުން އެއްއިންޖީނުގެ އިން 17 ވަޒީފާ އެބައުފައްދާ. މިކަމަށް ޖަވާބުދާރީވާން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް އެރުވުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވާހަކަދައްކަވަނީ. ފޮޓޯ: ޕީޕީއެމް

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ 187 ގައުމުގެ މައްޗަށް އެކުލަވާލާފައިވާ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އަދިވެސް ލައްވާލަނީ އެންމެ ފުލުން ކަމަށާއި އެ އިންޑެކްސް އަށް ބަލާލުމުން ފެންނަނީ ރާއްޖެ ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުވެފައިވާތަން ކަމަށެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން އެ އިދާރާތަކުގެ ދައުރު އަދާނުކުރާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެ އިދާރާތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް އެރުވުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޓިކެޓާ އެ މަނިކުފާނު ހަވާލުވެވަޑައިގަންނަވަނީ. ފޮޓޯ: ޕީޕީއެމް

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ދިވެހިރާއްޖޭގެ ދަރަނި 6،000 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. ދައުލަތުގެ ރިޒާވްގައި ހުރި އަދަދު މި ސަރުކާރުން ހާމަނުކުރާ ކަމަށާއި ނަމަވެސް ލަފާކުރެވޭ ގޮތުގައި މިހާރު ރިޒާވްގައި ހުންނާނެ ކަމަށް ބެލެވެނީ 280 މިލިއަން ޑޮލަރު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އިގްތިސާދަށް އާރޯކަން ގެންނަން މި ސަރުކާރުން ކުރަނީ ކޮންކަމެއްތޯ ސުވާލު ކުރަން ޖެހޭ ކަމަށެވެ.

"މި ސަރުކާރުން ވެސް ވަރަށް ގިނަ މަޝްރޫއުތަކެއް އެބަހިންގާ. ފަށާ މަޝްރޫއެއް ވިއްޔާ އަރަނީ ފަރަށް. ޔާމީންގެ ސަރުކާރުގައި ހިންގި މަޝްރޫއެއްގެ ރިބަން ކަނޑާލާފައި އެއީ އެމީހުން ހިންގި މަޝްރޫއުއަކަށް ވެގެން ޕާޓީ ކުރާ ކުދިން ބީހެނީ ކޮންމެވެސް ގިރިއަކަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ދިވެހިންނަށް މި ހާލަތު ކުރިމަތިވީ ކީއްވެގެންކަން ވިސްނަން ޖެހޭ ކަމަށެވެ. މިއީ އަމިއްލައަށް ހޯދައިގެން އުޅޭ "ބަލާވެރިކަމެއް" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.