މާލޭގެ އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށަން އެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑިސީ) އިން ނިންމައިފިއެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވީ މަގު ހެދުމަށްޓަކައި ކުރަންޖެހޭ ދިރާސާގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މޫކޭ ވިދާޅުވީ މަގުގެ ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ މަގުގައި ހުރި ސްކޫލްތަކަށް ވެސް ދަތިނުވާ ގޮތަކަށް ކަމަށެވެ. އަދި އެ މަގުގައި ހުރި އެއްވެސް ގަހެއް ކެނޑުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިތުރު އެއްވެސް ގޮތެއް ނެތިއްޔާ ނޫނީ އަޅުގަނޑުމެން އަމީނީމަގުން ގަހެއް ނުކަނޑާނަން،" މޫކޭ ވިދާޅުވި އެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ މިދިޔަ މަހު ހަވާލުކުރީ 84 މިލިއަން ރުފިޔާއަށެވެ.

ޕްލޭނިން މިނިސްޓްރީއާއި އާރުޑީސީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

އެ މަސައްކަތް ހަވާލުކުރީ 10 މަސް ތެރޭގައި ނިންމާގޮތަށެވެ.