ބޮލީވުޑުގެ ތަރި ބިޕާޝާ ބާސޫ އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާގެ ލޯބި ވީޑިއޯއެއް އާންމުންނާ ހިއްސާކޮށްފި އެވެ.

އެ ދެމަފިރިންނަށް އަލަތު ދަރިޔަކު ލިބެން އުޅޭކަން އިއުލާނުކުރީ، މީގެ ދެ ހަފްތާއެއް ކުރިންނެވެ. އަދި އެއާއެކު ދެ ތަރިންނަށް ވެސް އާންމުން ދަނީ މަރުހަބާ ކިޔަމުންނެވެ.

ބިޕާޝާ އޭނާގެ ބަނޑުބޮޑު ދުވަސްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުންނާ ހިއްސާކުރަމުންދާއިރު، ދާދި ފަހުން ވެސް އޭނާ ވަނީ ވިޑިއޯއެއް ހިއްސާކޮށްފަ އެވެ. އެ ވީޑިއޯގައި ކަރަން ބިޕާޝާގެ ބަނޑާއި ގާތުން ކުޑަ ދަރިފުޅަށް ލަވަ ކިޔައިދޭ މަންޒަރު ފެނިގެންދެ އެވެ. އަދި އެ ވީޑިއޯއަށް ގިނަ ބައެއްގެ ތައުރީފު ވެސް ލިބިފައިވެ އެވެ.

އެ ދެ ފަންނާނުންނަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާނުކޮށްފައިވާ ވަނީ ކަރަން އާއި ބިޕާޝާ މެޓާނިޓީ ފޮޓޯ ޝޫޓެއްގެ ފޮޓޯތަކާ އެކު އެ މީހުންގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި އެވެ.

ބިޕާޝާ އާއި ކަރަން ކައިވެނި ކުރީ 2016 ވަނަ އަހަރުގެ އޭޕްރީލު މަހުގެ 30 ވަނަ ދުވަހު އެވެ.

ކަރަން އާއި ބިޕާޝާ ކައިވެނިކޮށްގެން އުޅޭތާ ހަ އަހަރުވެފައިވާއިރު އެ މީހުން ތިބީ އާ މަރުހަލާއަށް ތައްޔާރުވެގެންނެވެ.

ބިޕާޝާ އާއި ކަރަން ސިންގް ގްރޯވާ ދިމާވެފައިވަނީ 2015 ވަނަ އަހަރު ރިލީޒްކުރި ބޫޝަން ޕަޓޭލްގެ ބިރުވެރި ފިލްމު "އެލޯން" ގެ ޝޫޓިން ތެރެއިންނެވެ.

މި އަހަރުގެ ކުރީކޮޅު ކަރަން އާއި ބިޕާޝާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. ބިޕާޝާ އޭނާގެ އިންސްޓަގްރާމްގައި އެ ދެ މީހުން ފޮޓޯތައް ވަނީ ހިއްސާކޮށްފަ އެވެ.

ކަރަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޣުބޫލް ހައި 2.0 އިންނެވެ. ބިޕާޝާ ފެނިގެން ގޮސްފައި ވަނީ ޑޭންޖަރަސް އިންނެވެ.