ފިރިހެނެއްގެ ކަރަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގާ މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

އެ މައްސަލައާއި ގުޅިގެން ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ފުލުހުންގެ އިދާރާއިން އިއްޔެ ވަނީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށް ބުނެފަ އެވެ. އަދި އެކަމާގުޅިގެން "ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް" ބުނަފައިވެ އެވެ.

މިދިޔަ އާދިއްތަ ދުވަހުގޭ ރޭ ދަންވަރު ފިރިހެނަކު ކަރަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާކަމަށް މައުލޫމާތު ލިބިގެން ނޫސްވެރިން ގުޅުމުން އެކަން ޔަގީންކޮށްދިނީ އެ ހޮސްޕިޓަލުންނެވެ. އޭގެ ކުރިން ފުލުހުން އެފަދަ މައްސަލައެއް ހުށަހެޅުނު ކަމުގެ މައުލޫމާތު ވެސް ނޫސްވެރިންނާއި ހިއްސާ ކޮށްފައެއް ނުވެ އެވެ.

އަނިޔާ ލިބުނު މީހާ އެމަޖެންސީގައި ފަރުވާ ހޯދުމަށްފަހު ވޯޑަށް ބަދަލުކުރި ފަހުން އާއިލާއިން އެދިގެން އޭނާ ގެއަށް ދޫކޮށްލާފައިވާ ކަމަށް ވެސް އޭޑީކޭއިން މައުލޫމާތު ދީފައިވެ އެވެ.