މާލެ އާއި ހުޅުމާލެ ސަރަހައްދުގައި ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ބޯހިމެނުމުގެ މުއްދަތު އެންމެ ފުރަތަމަ ކަނޑައަޅާފައި ވަނީ މި މަހުގެ 13އިން 14 އަށް އަދި 17 އިން ފެށިގެން ގޮސް 25ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން 13 އަދި 14 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައި ވަނީ ގޭބިސީތަކާއި ވިޔަފާރިތަކާއި ގުޅޭ މައުލޫމާތު އެއްކުރުމަށް މަސައްކަތެވެ. 17 އިން ފެށިގެން 25 ކުރިއަށްދާނީ ގޭބިސީތަކުގައި ދިރިއުޅޭ މީހުންނާއި ދިރިއުޅުމުގެ ހާލަތާއި ގުޅޭ މައުލޫމާތު ނެގުމުގެ މަސައްކަތެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ ބުނެފައި ވަނީ މާލެ އަދި ހުޅުމާލޭގެ ލިސްޓިން ނުނިމިހުރި ސަރަހައްދުތަކުގައި މާދަމާގެ ނިޔަލަށް ލިސްޓިން މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ބޯހިމެނުމުގެ ތަފްސީލް މަޢުލޫމާތު ނެގުން މިމަހުގެ 27 ގެ ނިޔަލަށް މި ބްލޮކްތަކުގައި ކުރިއަށްގެންދެވޭނެ ކަމަށް އެ ބިއުރޯގެ ބަޔާނުގައިވެ އެވެ.

"މިގޮތަށް ދިމާވީ މާލެ ސަރަހައްދުން ބޭނުންވާ އަދަދަށް އެނިއުމަރޭޓަރުން ނުލިބުމުގެ ސަބަބުންނެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ބޯހިމެނުމުގެ މައުލޫމާތު އެއްކުރުމަށް ގޭގެއަށް ދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ރޭގަނޑު 7:00 އަށެވެ. ހުކުރު ދުވަހު ހެނދުނު 9:00 އިން 11:00 އަށް އަދި 2:30 އިން 7:00 އަށް މަސައްކަތް ކުރާނެ އެވެ. ނަމަވެސް، ހާއްސަ ހާލަތްތަކުގައި ރޭގަނޑު ގަޑީގައި ހަރަކާތްތެރިވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މިހާރު ކުރިއަށްދާ ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ. އަދި ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސް ހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޯބަރު 20 އެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ.