ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ އެކްޓަރު ޒަހީރު އިގްބާލާއެކު ފެނިގެންދާނެ ވީޑިއޯ ލަވައެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ.

"ބްލޮކްބަސްޓާ" ގެ ނަން ދީފައިވާ މި ލަވައިގެ ޓީޒާއެއް އެ ދެ މީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް އާންމުކޮށްފައިވެ އެވެ.

މިމަހު 23 ގައި ރިލީޒްކުރާ މިލަވަ ކިޔައިދީފައި ވަނީ އެމީ ވިރްކް އާއި އަސީސް ކައުރް އެވެ.

ޒާހިރާއި ސޮނާކްޝީ ވަނީ އެކަކު އަނެކަކަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވާ ޕޯސްޓްތަކެއް ސޯޝަލް މީޑިއާގައި ކޮށްފަ އެވެ. މިއާއެކު އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް އަޑުތައް ފެތުރިގެން ދިޔަ އެވެ.

ސޮނާކްޝީ އާއި ޒަހީރު އެކީގައި ވީޑިއޯ ލަވައަކުން ބެލުންތެރިންނާ ބައްދަލުކުރާ އިރު، ދެ ތަރިން އެކީގައި ކުޅެފައިވާ ފިލްމެއް ވެސް އެބައޮތެވެ. އެއީ މިދިޔަ އަހަރު ޝޫޓިން ނިންމާފައި އޮތަސް އަދި ރިލީޒްކުރާބެ ތާރީހެއް އިއުލާން ނުކުރާ "ޑަބަލް އެކްސްއެލް" އެވެ. މުދައްސަރު އަޒީޒު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ހުމާ ގްރޭޝީ ވެސް ހިމެނެ އެވެ.

"ޑަބަލް އެކްސްއެލް" އަކީ ޒަހީރުގެ ދެވަނަ ފިލްމެވެ. އޭނަ ބޮލީވުޑަށް ނުކުތީ ސަލްމާން ޚާން ޕްރޮޑިއުސްކުރި 2019 ގެ "ނޯޓްބުކް" އިންނެވެ. ސޮނާކްޝީ ބޮލީވުޑަށް ނުކުތީ ސަލްމާނާ އެކީ 2010 ގެ "ދަބަންގް" އިންނެވެ.