އިންޑިއާގެ ފިލްމުތަކަށްދޭ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ އެވޯޑްސް "އައިފާ އެވޯޑް" އަންނަ އަހަރު ވެސް އަބޫ ދާބީގައި ބޭއްވުމަށް ނިންމައިފި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ނިންމާފައިވާ މި ހަފްލާ ބާއްވާނީ އަބޫ ދާބީގެ ޑިޕާޓްމަންޓް އޮފް ކަލްޗަރ އެންޑް ޓޫރިޒަމް އާއި އެ ގައުމުގެ ލީޑިން ކްރިއޭޓާ އޮފް އިމާސިވް ޑެސްޓިނޭޝަންސް އެންޑް އެކްސްޕީރިއަންސް، މިރާލް އާއި ގުޅިގެންނެވެ. އަންނަ އަހަރު ބާއްވާނީ 23 ވަނަ އައިފާ އެވޯޑް އެވެ.

މިއަހަރު ބޭއްވި 22 ވަނަ އައިފާވެސް ބާއްވާފައި ވަނީ އަބޫ ދާބީގެ ޔަސް އައިލޭންޑްގަ އެވެ.ތިން ދުވަހަށް ދިގުދެމިގެންދިޔަ މި އެވޯޑު ހަފްލާއަށް ހަފްތާ ބަންދުގައި ދުނިޔޭގެ 17 ޤައުމަކުން 350 އަށް ވުރެ ގިނަ މީޑިއާ ބައިވެރިވެފައިވާއިރު 20،000 އަށް ވުރެ ގިނަ މީހުން ވަނީ އެ މައިދާނަށް ޖަމާވެފަ އެވެ.

ނިމިދިޔަ އެވޯޑް ހަފުލާގައި އެންމެ މޮޅު ފިލްމުގެ މަޤާމު ހޯދީ މިދިޔަ އަހަރު ރިލީޒްކުރި ބައޮގްރަފިކަލް ފިލްމް "ޝޭރްޝާހު" އަށެވެ. އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވިކީ ކޯޝަލް ހޯދިއިރު، އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބިފައިވަނީ ކްރިތީ ސެނޯނަށެވެ.