ބޯހިމެނުމުގައި މިހާތަނަށް އެއްކުރެވުނު މައުލޫމާތުތަކުން ރާއްޖޭގެ އާބާދީއަށް 8 އަހަރުން އިތުރުވެފައިވަނީ 16،897 ދިވެހިން ކަމަށް ދައްކައިފި އެވެ.

ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މުޅި ރާއްޖޭގެ އާބާދީއަކީ 452،498 އެވެ.

2014 ވަނަ އަހަރުގެ ބޯހިމެނުމުން ދެއްކި ގޮތުގައި އޭރު ރާއްޖޭގައި އުޅުނު ދިވެހިންގެ އާބާދީއަކީ 338،434 މީހުންނެވެ.

ބޯހިމެނުމުގެ ތަފާސް ހިސާބަށް ބަލާއިރު 2014 ވަނަ އަހަރު ރާއްޖޭގައި ބިދޭސީންގެ ޢަދަދު 63،637 ގައި ހުރިނަމަވެސް މިހާރު ވަނީ 33،527 ބިދޭސީން އިތުރުވެފައެވެ. އެގޮތުން މިހާރު ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަނީ 97،164 އަށް އިތުރުވެފަ އެވެ. މިއާއެކު ރާއްޖޭގައި އާބާދީ ވަނީ 452،498 އަށް އަރާފަ އެވެ. 2014 ވަނަ އަހަރުގެ އާބާދީއަކީ 402،071 އެވެ. މިތަފާސްހިސާބަށް ބަލާއިރު ރާއްޖޭގެ އާބާދީއަށް 50424 މީހުން މިވަނީ އިތުރުވެފަ އެވެ.

ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ މިހާތަނަށް މައުލޫމާތު ނުދެވި ތިބި މީހުން އެ ބިއުރޯގެ ހޮޓްލައިނަށް ގުޅައިގެން ނުވަތަ އޮންލައިންކޮށް ވެސް ބޯހިމެނުމަށް މައުލޫމާތު ދެވޭނެ ކަމަށެވެ. އަދި މީހުން ނޫޅޭ ގެތަކުގެ މައުލޫމާތު ވެސް އެ ބިއުރޯއަށް އަންގަން އެދޭ ކަމަށް އެ ބިއުރޯއިން ހާމަކުރެ އެވެ.

އަދި އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޕޯސްޓް އެނިއުމަރޭޝަން ކޮލިޓީ ވަޒަންކުރުމަށް ދިރާސާއެއްވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ސްޓެޓިސްޓިކް ބިއުރޯއިން ހާމަކޮށްފައިވެ އެވެ.