ތާރު އަޅައިގެން މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ދެވަނަ ސެގްމަންޓުގެ މަސައްކަތް މި ހަފްތާގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފި އެވެ.

އާރުޑީސީން އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގެ ބާރަ ވަނަ ދުވަހު ވަނީ ފަށާފަ އެވެ.

މި މަޝްރޫއުގެ ދަށުން އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގައި މަގުގެ ދެފަރާތުގައި ޖެހުމަށް ބޭނުންވާ ކާބްސްޓޯން އެޅުމުގެ މަސައްކަތާއި ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ އިތުރުން ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމުކޮށް، ތާރުއެޅުމުގެ ކުރިން ވާންޖެހޭ ހުރިހާ ތާއްޔާރީތަކެއް ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށް އާރްޑީސީން ބުނެ އެވެ.

އާރްޑީސީން ބުނީ އަމީނީމަގުގެ ދެވަނަ ސެގްމަންޓުގެ އަމަލީ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ދެވަނަ ސެގްމަންޓުގައި 136 މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

މި ހަފްތާގައި އެ ސަރަހައްދުގެ މަގު ހުސްކޮށް، ގާތައް ނަގާ، މަގު ކޮނުމުގެ މަސައްކަތް ފެށޭނެ ކަމަށް އާރްޑީސީން ބުނެ އެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މުޅި މިމަޝްރޫއުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނެ އެވެ.

މި މަސައްކަތް ސަރުކާރުން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީން ކުރާނީ މަގުތަކުގެ އަޑީގައި ކުރަންޖެހޭ މަސައްކަތްތައް އެއްކޮށް ނިންމާ، މުޅި އަމީނީމަގު 3 ނުވަތަ 4 ސެގްމަންޓަކަށް ބަހާލައިގެންކަމަށް އާރްޑީސީން ބުނެ އެވެ.