މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް އުދައިގެ އަސަރުކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކޮށް އެ ސަރަހައްދުތަކަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

މެޓުން ބުނީ ކ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރުފަހު 1:30 އާއި ހަމައަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖެގެ ބޮޑު ބަޔަކަށް އުދައަރާނެ ކަމަށް ލަފާކޮށްފައިވާއިރު ރެއާއި މިއަދު ހެނދުނު މާލޭ އަލިމަސް ކާނިވާ ސަރަހައްދަށް އުދައިގެ އަސަރުވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. އެގޮތުން ފެންބޮޑުވެ، އެ ސަރަޙައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓަކަށް ވެސް ފެނުގެ އަސަރުކޮށްފައިވެ އެވެ.

ރާއްޖޭގެ މޫސުން ކުރިއަށްއޮތް 24 ގަޑިއިރު ލަފާކުރާގޮތަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވީ ނަމަވެސް މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށާއި، ގުގުރުން ވެސް އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި، ރާއްޖޭގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.