ބޮލީވުޑްގެ މަޝްހޫރު ތަރި ސުނިލް ޝެޓީ ޒުވާންކަންމަތީ ހުންނަ ސަބަބު ކިޔައިދީފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ސުނިލް ވަނީ، އޭނާ އުމުރާ އަޅާބަލައި، ހަށިގަނޑު ތަފާތުކަން މީހުން ފާހަގަކުރާ ކަމަށް ބުނެފަ އެވެ.

ހަމައެހެންމެ މެދު އުމުރަށް ދިޔައިރު ވެސް މުސްކުޅި ނުވެ، ޒުވާންކަން މަތީގައި ހުންނަނީ ކިހިނެއްތޯ ގިނަ ބަޔަކު ސޯޝަލް މީޑިއާގަ އާއި އެހެނިހެން ގޮތްގޮތުން ވެސް އޭނާ ގާތު އަހާ ކަމަށް ސުނިލް ބުނެފައިވެ އެވެ.

ސުނިލް ބުނިގޮތުގައި ޒުވާންކަން މަތީގައި ހުރުމަށްޓަކައި މުހިންމު ވަނީ ސާޖަރީ އާއި ފޭޝަލް ތެރަޕީތަކެއް ނޫނެވެ. އަދި އެކަމަށް މުހިންމީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުން ކަމުގައި އޭނާ ބުނެފައިވެ އެވެ.

ސުނިލް ވަނީ ގިނަ ބަޔަކު މިޒަމާނުގައި ގެންގުޅޭ ނުބައި އާދަތަައް އަލިއަޅުވާފަ އެވެ.

އެގޮތުން ރާ ބުއިމާއި ސިނގިރޭޓު ބުއިމަކީ ބޭކާރު ކަމެއް ކަމަށާއި، އިންސާނާގެ ހަށިގަނޑަށް ބޭނުން ނުވާ ގެއްލުން ދެނިވި ތަކެތި އޭނާގެ ހަށިގަނޑަށް ދިޔަ ނުދޭ ކަމަށް ސުނިލް ބުނެފައިވެ އެވެ. އަދި ސުނިލް ގަބޫލުކުރާ ގޮތުގައި އޭނާ މެދު އުމުރަށް ދިއުމުން ވެސް ޒުވާންކަން މަތީ ހުންނަނީ އެ ސަބަބާ ގުޅިގެންކަން އޭނާ ގަބޫލުކުރާ ކަމަށް ސުނިލް ބުނެފައިވެ އެވެ.

"ބޯޑާ" އާއި "ދަޅުކަން" އަދި "ހީރާ ޕޭރީ" ފަދަ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ސުނިލް، 60، އެންމެ ފަހުން ފެނިފައި ވަނީ މިއަހަރުގެ އެޕްރީލްގައި ރިލީޒްކުރި ތެލެގޫ ސްޕޯޓްސް ޑްރާމާ "ގަނީ" ގެ ރޯލަކުންނެވެ.