ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެ އަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު މާލެ އަތޮޅުގައި ހުންނަވާ ރިސޯޓުން ފެނިގެން ދިޔައީ ތަފާތު މާހައުލެއްގައި ތަފާތު ގޮތަކަށް އުޅުއްވާ ފޮޓޯތަކެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓެއްގެ ގޮތަށް، ރަސްމީ އިހުތިފާލުތަކުގެ ހުސް ވަގުތުތަކުގައި ހުން ސެން ވަނީ ރާއްޖޭގެ ހިތްގައިމު މާހައުލުމާއި ރީތި މޫދުން ހިތްހަމަޖެހުން ހޯއްދަވައިފަ އެވެ. މިއީ ހުން ސެން ރާއްޖެ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ވެސް މެ އެވެ.

އެމަނިކުފާނުގެ ތަފާތު މި ފޮޓޯތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމު ކުރެއްވުމާ އެކު ކެމްބޯޑިއާގެ އެތައް ސަތޭކަ ބަޔަކު ވެސް ވަނީ ރާއްޖޭގެ ރީތިކަމާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ. އެ ސުވާލުތަަކަށް ހުން ސެން ވެސް ވަނީ ޖަވާބު ދެއްވައިފަ އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން ރަސްމީ ދަތުރުފުޅެެއްގައި ރާއްޖެ ވަޑައިގެން އެމަނިކުފާން ރާއްޖޭގައި ހުންނަވާ ރިސޯޓުގައި. --ފޮޓޯ:ހުން ސެން ފޭސްބުކް

ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި ފޮޓޯތަކުގައި ހުން ސެން ވިދާޅުވެފައި ވަނީ އެމަނިކުފާނު ރާއްޖޭގައި ސްނޯކަލް ކުރައްވަނީ ކަމަށެވެ. ކޮޓަރިއާ ޖެހިގެން މޫދު އޮތް ވާހަކަ ވިދާޅުވެފައިވެ އެވެ. ހުން ސެން ހުންނެވީ ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ވޯޓާ ވިލާއެއްގަ އެވެ. މޫދުގައި ފެއްތެވި ވާހަކަ ވެސް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ގޮނޑުދޮށްތަކުގެ ރީތި ކަމަށް ތައުރީފްކޮށް ކެމްބޯޑިއާގައި ވެސް އެފަދަ ބީޗުތަކެއް ތަރައްގީ ކުރުމަށް މީހަކު ހުށަހެޅުމުން ހުން ސެން ވިދާޅުވެފައި ވަނީ ކެމްބޯޑިއާގެ ބީޗުތަކުގައި ވެސް ހުރިހާ އެއްޗެއް އެބަހުރި ކަމަށެވެ. ލޮނު ފެނާއި އިސްކުރު ފެން، ހޮޓާތަކާއި ގެސްޓްހައުސްތައް، ގަބުރުސްތާނާއި މަގުތަކުގެ ވާހަކަ ވެސް ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް ރާއްޖޭގެ ތަފާތަކީ އެއްރަށުން އަނެއް ރަށަށް ބޯޓުގައި ދަތުރު ކުރުން ކަމަށް ވިދާޅުވި އެވެ. އަދި ރަސްމީ ހަފުލާ އަށް ރާއްޖޭގެ ރައީސް އޮފީހަށް ވަޑަައިގަންނަވަން ޖެހޭނީ ވެސް ބޯޓެއްގައި ކަމަށް ވިދާޅުވި އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެެއްގައި ރާއްޖެ ވަޑައިގެން އެމަނިކުފާން ރާއްޖޭގައި ހުންނަވާ ރިސޯޓުގައި. --ފޮޓޯ:ހުން ސެން ފޭސްބުކް

ހުން ސެން އާއްމު ކުރެއްވި ފޮޓޯތަކަށް ކޮމެންޓްކުރި ބައެއް މީހުން ވަނީ ދިވެހި ރާއްޖެ އަށް ދިއުމަކީ އެ މީހުންގެ ހުވަފެނެއް ކަމަށް ބުނެފ އެވެ.

ކެމްބޯޑިއާގައި ވެސް މިހާރު އަންނަނީ ޓޫރިޒަމް ވަރަށް ހަލުވި ސްޕީޑުގައި ކުރިއަރަމުންނެވެ. އާބާދީގައި ގާތްގަނޑަކަށް 17 މިލިއަން މީހުން ހިމެނޭ ގައުމަށް އަހަރަކު އެވްރެޖްކޮށް 2.6 މިލިއަން ޓޫރިސްޓުން ދަތުރުކުރެ އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެެއްގައި ރާއްޖެ ވަޑައިގެން އެމަނިކުފާން ރާއްޖޭގައި ހުންނަވާ ރިސޯޓުގައި. --ފޮޓޯ:ހުން ސެން ފޭސްބުކް

ހުން ސެން އަކީ ކޮން ބޭފުޅެއް؟

އުމުރުފުޅުން މިހާރު 70 އަހަރުގެ ހުން ސެން އަކީ ކުރިން އަސްކަރީ ކޮމާންޑަރެކެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރުކަން ގެންދަވަނީ 1985 ވަނަ އަހަރުން ފެށިގެން ކުރައްވަމުންނެވެ. އެހެންކަމުން ގާތްގަނޑަކަށް 38 އަހަރު ވެރިކަމުގައި ހޭދަކުރެއްވި ހުން ސެން އަކީ ދުނިޔޭގައި ވެސް އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އުމުރުން އެންމެ 26 އަހަރުގައި ހުން ސެން ހިމެނިވަޑައިގެންފައި ވަނީ ދުނިޔޭގެ އެންމެ ޒުވާން ފޮރިން މިނިސްޓަރުގެ ގޮތުގަ އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެެއްގައި ރާއްޖެ ވަޑައިގެން އެމަނިކުފާން ރާއްޖޭގައި ހުންނަވާ ރިސޯޓުގައި. --ފޮޓޯ:ހުން ސެން ފޭސްބުކް

ހުން ސެން މިހާރު ފުރުއްވަމުން ގެންދަވަނީ ބޮޑުވަޒީރުކަމުގެ ހަ ވަނަ ދައުރެވެ. އެންމެ ފަހުން 2018 ވަނަ އަހަރު އޮތް އިންތިޚާބުގެ ކުރިން ވަނީ އިދިކޮޅު ޕާޓީ އުވާލައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ޕާލަމެންޓުގެ ހުރިހާ ގޮނޑިއެއް ހޯދީ ހުން ސެންގެ ޕާޓީންނެވެ. ކެމްބޯޑިއާގެ އިންތިޚާބުތަކުގައި ވޯޓު އޮޅުވާލުމާއި މަކަރާއި ހީލަތްހަދާ ކަމުގެ އެތައް ތުހުމަތެއް ކޮށްފައިވެ އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެެއްގައި ރާއްޖެ ވަޑައިގެން އެމަނިކުފާން ރާއްޖޭގައި ހުންނަވާ ރިސޯޓުގައި. --ފޮޓޯ:ހުން ސެން ފޭސްބުކް