ރޯޔަލް މިލިޓަރީ ޕޮލިހާއެކު އެމްޑީއެފް އިން މާލެ ސަރަހައްދުގައި ހާއްސަ ތަމްރީނުތަކެއް ފަށައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާއްސަ އަސްކަރީ ތަމްރީންތައް ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ތަމްރީންތައް ކުރިއަށްދާނީ މާލެ، ހުޅުމާލޭ ފޭސް 1 އަދި ހުޅުމާލެ ފޭސް 2ގެ އެކި ސަރަޙައްދުތަކުގައި ކަމަށާއި މި ތަމްރީންތަކުގައި ސިފައިން އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި ތަމްރީނަކީ ދިވެހި ސިފައިންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ. ތަމްރީން ޕްރޮގްރާމް މިއަދުން ފެށިގެން މިމަހުގެ 9ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާނެ ކަމަށް ބުނެ އެވެ.

އެމްއެންޑީއެފުން އަންނަނީ، ބޭރުގެ ގައުމުތަކުގެ އަސްކަރިއްޔާއާއި ގުޅިގެން މިފަދަ ތަމްރީންތައް ބާއްވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ވެސް ދިވެހިރާއްޖެއާއި، އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން ކައުންޓާ ޓެރަރިޒަމް ފަރިތަކުރުންތަކެއް، ސެންޓްރަލް އޭރިޔާ އާއި މާލެކައިރި ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

އެ ތަމްރީން ފަރުމާކޮށްފައި ވަނީ ޓެރަރިޒަމްގެ އެކި ހާދިސާތަކަށް އިޖާބަދިނުމުގައި ސަލާމަތީ ބާރުތަކުން ގުޅިގެން މަސައްކަތްކުރުމަށް އެހީތެރިވެވޭނެ ގޮތަށާއި، ކައުންޓަ ޓެރަރިޒަމްގެ މަސައްކަތްތަކުގައި އެމެރިކާ އަދި ރާއްޖޭގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ސަރަހައްދީ ރައްކާތެރިކަމާއި އަމާންކަން ދެމެހެއްޓުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެން ދާނެކަމަށް އެމްއެންޑީއެފުން ބުންޏެވެ.