ބޮލީވުޑްގެ ދެ ފަންނާނުން ކަމަށްވާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގުގެ ދަރިފުޅުގެ މޫނު ފެންނަ ގޮތަށް ފުރަތަމަ ފަހަރަށް ފޮޓޯއެއް އާއްމުކޮށްފި އެވެ. މިފޮޓޯ އާއްމުކުރުމުން ފޭނުން ބުނެފައިވަނީ މިއީ "އެންމެ ކިއުޓް ބޭބީ" ކަމަށެވެ.

ބިޕާޝާ އާއި ކަރަން ސިންގް ގްރޯވާ އެ މީހުންގެ އަލަތު ދަރިފުޅު ލިބުނީ މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. ބިޕާޝާ އާއި ކަރަންގެ ދަރިފުޅަށް ކިޔާ ނަމަކީ ދޭވީ ބާސޫ ސިންގް ގްރޯވަރު އެވެ.

ދޭވީގެ މޫނު ފެންނަ ފޮޓޯއެއް އިންސްޓަގްރާމަށް ލުމާއެކު ފިލްމު އިންޑަސްޓްރީގެ އެކި މީހުންނާއި ފޭނުން އަންނަނީ އުފާ ފާޅުކޮށް ހެޔޮއެދުންތައް ފޮނުވަމުންނެވެ. އަދި ފޭނުން ބުނަމުން ދަނީ ދޭވީ ވައްތަރީ ކަރަންއާ ކަމަށެވެ.

ބޮލީވުޑްގެ އެންމެ ހޮޓް އެއް ޖޯޑުގެ ގޮތުގައި ފާހަގަކުރާ ބިޕާޝާ އާއި ކަރަން ދިމާވީ 2014 ގައި، އެ މީހުން އެކުގަައި މަސައްކަތް ކުރި ފިލްމު "އެލޯން" ގެ ސެޓުންނެވެ. ފިލްމުގެ ޝޫޓިންތަކަށް ފަހު ދެ މީހުން ތިބީ ގާތް ރައްޓެހިންގެ ގޮތުގައި ކަމަށް ވިޔަސް ފަހުން ލޯބިވެވުނީ ކަމަށްވެ އެވެ. އެ މީހުން ކައިވެނިކުރީ 2016 ވަނަ އަހަރު އެވެ.