ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ހައްޔަރު ކޮށްފައިވަނީ ދިވެހި 2 ފިރިހެނުން ކަމަށާއި އެއީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާފަ އެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. މެންބަރު ޒަރީރަށް ހަމަލާދިނީ މެއި މަހުގެ 1ވަނަ ދުވަހުގެ ރޭ ފަތިހު 5:08 ހާއިރު އެވެ. އޭނާއަށް ހަމަލާދިނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯތެރޭގައި އިންނަވަނިކޮށް ކަމަށްވެސް ފުލުހުންގެ ހާމަކޮށްފައިވެ އެވެ. ހަމަލާދިނުމުގެ ސަބަބުން އޭނާގެ ބޮލަށް ލިބުނު އަނިޔާއަށް އޭޑީކޭގައި ވަނީ ފަރުވާ ހޯދާފަ އެވެ.