ރިޔާސީ އިންތިހާބަސް ރައީސް ނަޝީދު އެމްޑީޕީ ތެރެއިން އުފައްދާފައިވާ ފިކުރެއްގެ ދިރުން ފެކްޝަންގައި އިސްކޮށް އުޅުއްވި މާލެ ސިޓީގެ ކުރީގެ މޭޔަރު އާދަމް މަނިކު (ސަރަންގޭ) ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއީދުކުރެއްވުމަށް ނިންމަވައިފި އެވެ.

އާދަމް މަނިކަކީ ރައީސް ނަޝީދުގެ ފެކްޝަންގެ ހަރަކާތްތަކުގަ އާއި އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުއަށް ތާއީދުކުރެއްވި ބޭފުޅެކެވެ.

އާދަމް މަނިކުގެ ގާތް ބޭފުޅަކު "ހުރިހާ" އަށް ވިދާޅުވީ އާދަމް މަނިކު ރައީސް ސޯލިހުއަށް ތާއީދުކުރައްވަން ނިންމެވީ ދެވަނަ ދައުރެއް ރައީސް ސޯލިހުއަށް ލިބެން ޖެހޭ ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.

އާދަމް މަނިކު ރައީސް ސޯލިހުއަށް ތާއީދުކުރެއްވި އިރު އެބޭފުޅާ ވަނީ ރައީސް ސޯލިހުގެ އަރިސް ބޭފުޅުންތަކަކާއވެސް ބައްދަލުކުރައްވާފައި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ވަނީ ބައްދަލުކުރައްވާފަ އެވެ.