އިއްތިހާދުން ނެރޭ ކެންޑިޑޭޓަކީ އޭނާ ކަމުގައި އެއްބަސްނުވެވޭނަމަ ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ދަ ޑޮމިކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ސުންގަނޑި ހަމަވިއިރު، އެކަމަށް އެދި ހުށަހެޅުއްވީ އިލްޔާސް ލަބީބު އެކަންޏެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވަނީ އިލްޔާސް ލަބީބު ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ޓިކެޓުގައި ނެރެން ކަމަށް މީގެކުރިން އަޑުތައް ފެތުރުނެވެ. ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށެވެ.

އިލިޔާސް ވިދާޅުވީ އެއްކެންޑިޑޭޓަކު ނެރުމަށް ޖޭޕީއާއި އެމްއެންޕީ އާއި ޑިމޮކްރެޓްސް އެއްބަސްވެފައިވާއިރު އިއްތިހާދުން ނެރޭ ކެންޑިޑޭޓަކީ އޭނާ ކަމުގައި ނުވާ ނަމަ ފަހަތައް ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޕާޓީ ތަކުން ކަނޑައަޅާ ބޭފުޅަކާއެކު ކުރިއަށްވަޑައިގަންނަވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ކުރިއަށް ވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި ހުންނަވައިގެން ކަމަށްވެސް އިލްޔާސް ވަނީ ވިދާޅުވެފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި ދަ ޑިމޮކްރެޓްސް އިން ވަނީ އެއްބަސްވެފަ އެވެ. އެގޮތަށް އެއްބަސްވީ މިމަހުގެ 19 ވަނަ ދުވަހު ކުނޫޒު ގައި ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް އާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އެވެ. އަދި އެއް ކެނޑިޑޭޓެއް ނެރުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް އާއި ރައީސް މައުމޫނުގެ އެމްއާރުއެމްއާ މަޝްވަރާ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.