ބިޕާޝާ ބާސޫއާއި ފިރިމީހާ ކަރަން ސިންހް ގްރޯވާގެ ދަރިފުޅު ދޭވީ ބާސޫ ސިންހް ގްރޯވާ އުފަންވީ ހިތުގެ ދެ ލޯވަޅާއެކު ކަމަށް ބިޕާޝާ ހާމަކޮށްފި އެވެ.

ނޭހާ ދުޕިއާއާއެކު އިންޓަނެޓް ލައިވް ސެޝަންއެއްގައި ވާހަކަ ދައްކަމުން ބިޕާޝާ ބުނީ ދަރިފުޅުގެ ހިތުގެ މައްސަލައެއް ހުންނަކަން އެނގުނީ ވިހޭތާ ތިންވަނައަށް ވީ ދުވަހު ކަމަށާއި އުމުރުން އެންމެ ތިން މަހުގައި ދޭވީ އޯޕަން ހާޓް ސާޖަރީއެއް ކޮށްފައިވާ ކަމަށެވެ.

"އަހަރެން ވިސްނީ މި ވާހަކަ އެއްވެސް މީހަކަށް ކިޔައިނުދޭން. އެކަމަކު އާއްމުކޮށް އެވާހަކަ މި ދައްކަނީ އެ ކަމުން އަރައިގަންނަން ގިނަ ބައެއްގެ އެހީތެރިކަން އަހަރުމެންނަށް ލިބުނީތީ" ބިޕާޝާ ބުންޏެވެ.

ބިޕާޝާ އިތުރަށް ބުނީ ސާޖަރީއަކަށް ނުގޮސް ދަރިފުޅަށް ފަރުވާ ލިބޭތޯ ވަރަށް މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އެންމެ ފަހުން ސާޖަރީއަށް އެއްބަސްވީ އެއީ ދަރިފުޅަށް އެންމެ ރަނގަޅު ގޮތް ކަމަށް ޑޮކްޓަރުން ޔަގީންކަން ދިނުމުން ކަަމަށެވެ.

2016 ވަނަ އަހަރު ކައިވެނިކުރި ކަރަންއާއި ބިޕާޝާއަށް ދަރިއަކު ލިބިފައިވަނީ ކައިވެންޏަށް ހަ އަހަރު ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.