ބޮލީވުޑްގެ ގަދަ 10 އެކްޓަރުންގެ ލިސްޓުގައި ދުވަހަކު ވެސް އޭނާ ހިމެނިފައިނުވާ ކަމަށް 90ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން މަޝްހޫރުކަން ހޯދި ޝިލްޕާ ޝެޓީ ކުންދްރާ ބުނެފި އެވެ.

ޝިލްޕާ މިހެން ބުނެފައިވަނީ ބޮލީވުޑްގައި އޭނާ މަސައްކަތް ކުރާތާ 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގަ އެވެ.

ޝިލްޕާ ބުނެފައިވަނީ މި ދާއިރާގައި އޭނާއަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ލިބުނު ކަމަށާއި އެހެން ނަމަވެސް އޭނާއަކީ ދުވަހަކު ވެސް ގަދަ 10ގެ ލިސްޓުގައި ގުނާލެވޭ އެކްޓަރެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ވެސް ބޮލީވުޑްގައި އޭނާގެ މަސައްކަތްތަކަށް އެކަށީގެންވާ އަގު ނުލިބޭކަން ފާހަގަ ކުރަމުން ޝިލްޕާ ބުނީ ފިލްމުތައް ހޯދަން ވެސް އޭނާ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ދާއިރާގައި 30 އަހަރުގެ ތަޖުރިބާއާ ބެހޭ ގޮތުން އޭނާ ބުނީ ދިރިއުޅުމުގެ މުހިއްމު ފިލާވަޅުތަކެއް މި ދާއިރާއިން އޭނާއަށް ދީފައިވާ ކަމަށާއި އެ ކަމަށް ޝުކުރުވެރިވާ ކަމަށެވެ.

ޝިލްޕާ ބޮލީވުޑަށް ނުކުމެފައިވަނީ 1993 ވަނަ އަހަރު ނުކުތް ސުޕަހިޓް "ބާޒީގަރް"އިން ޝާހްރުކް ޚާންއާ އެކީގަ އެވެ. އޭގެ ފަހުން "ދަޑްކަން" ފަދަ ފިލްމުތައް އޭނާ ކުޅެފައިވެ އެވެ.