2015 ވަނަ އަހަރު ނުކުތް ސަންޖޭ ލީލާ ބަންސާލީގެ "ބާޖީރާއޯ މަސްތާނީ" ދޫކޮށްލެމަކީ އޭނާއަށް ނިންމުނު ގޯސް ނިންމުމެއް ކަމަށް އަންކިތާ ލޯކަންޑޭ ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަންކިތާ ބުނީ އޭނާގެ ނިންމުންތަކާ މެދު އެއްވެސް ވަރަކަށް ހިތާމަ ނުކުރާ ކަމަށާއި އެހެން ނަމަވެސް ބާޖީރާއޯ ދޫކޮށްލެވުމަކީ ގޯސް ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އަންކިތާ ބުނީ އޭރު އެ ފިލްމު ދޫކޮށްލަން ޖެހުނީ އެ ދުވަސްވަރު ހަޔާތުގައި ހިނގަމުންދިޔަ ބައެއް ކަންކަމުގެ ސަބަބުން ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އަންކިތާ އެ ފިލްމު ދޫކޮށްލީ އޭރު އޭނާ ރައްޓެހިވެގެން އުޅުނު ސުޝާންތު ސިންހް ރާޖްޕުތުއާ ކައިވެނި ކުރުމަށެވެ.

ޒީޓީވީއިން ދުރަށް ދެއްކި "ޕަވިތުރާ ރިޝްތާ"އިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި އަންކިތާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސުޝާންތުއާ ރައްޓެހިވެގެން އުޅެފަ އެވެ.

ދީޕިކާ ޕަދުކޯންއާއި ރަންވީރު ސިންހް މައި ރޯލުތަކުން ފެނިގެންދިޔަ ބާޖީރާއޯ މަސްތާނީއަކީ އެއަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ.