މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހަބުގެ ދެވަނަ ބުރުގެ ކުރިން މިމަހުގެ 25 ވަނަ ދުވަހު ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕާޓީތަކާ އެކު ކޯލިޝަން ހެދުމާ ގުޅެގޮތުން މަޝްވަރާ ކުރުމަށް ޑިމޮކްރެޓްސް އިން ވަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލައިފަ އެވެ.

އިލްޔާސް ލަބީބް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ޖެހޭ ކަމަށެވެ. އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަތެވެ.

ސިޔާސީ ގޮތުން މި ވަގުތު ރާއްޖެއަށް ދިމާވެފައި އޮތް ހާލަތަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެން ވޯޓެއް ނެގުން އެންމެ ރަނގަޅު ވަގުތު ކަމަށް ޑިމޮކްރެޓްސްގެ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިލްޔާސް ވަނީ ގަރާރެއް ވެސް ހުށަހަޅުއްވައިފަ އެވެ. އިލްޔާސް ވިދާޅުވީ 2008 ވަނަ އަހަރު ފެހި ގާނޫނުއަސާސީ ތަސްދީގު ކުރި ފަހުން ރިޔާސީ އިންތިހާބެއްގައި އެއްވެސް ސިޔާސީ ޕާޓީއަކަށް މެޖޯރިޓީއެއް ނުލިބޭ ކަމަށާއި ކޮންމެ ފަހަރަކު އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދަން ޖެހޭ ކަމަށެވެ. އެންމެ ފަހުން ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅެގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައި ވަނީ 2007 ވަނަ އަހަރު އެވެ.

މިއީ އަނެއްކާވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ ކައިރިން އަހަންވީ ވަގުތު ކަމަށެވެ. އެހެންވީމާ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރަރެއް ހުށަހަޅާފައިވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އެ ގަރާރުގައިވާ ގޮތުން ނޮވެމްބަރު 30 ވަނަ ދުވަހުގެ ކުރިން ވޯޓު ނަގަންޖެހޭ ކަމަށެވެ.