އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޓޯކް ޝޯވް "ކޮފީ ވިތު ކަަރަން"ގެ އަށްވަނަ ސީޒަން ފަށަން އެ ޝޯގެ އުފެއްދުންތެރިން ތައްޔާރުވެއްޖެ އެވެ.

އެ ޝޯގެ ޓްރެއިލާ މިހާރު އާއްމުކޮށްފައިވާއިރު ފާއިތުވެދިޔަ ހަތް ސީޒަންއަށްވުރެ މިފަހަރުގެ ސީޒަން މާ ޝައުގުވެރިވާނެ ކަމަށް ޝޯގެ ޕްރޮޑިއުސަރުން ބުނެ އެވެ.

ފިލްމު ޕްރޮޑިއުސަރު އަދި ޑިރެކްޓަރު ކަރަން ޖޯހަރު ހުށައަޅައިދޭ ކޮފީ ވިތު ކަަރަން އަކީ ބޮލީވުޑްގެ މަޝްހޫރު ޝަހްސިއްޔަތުން މެހްމާނުންގެ ގޮތުގައި ގެނެސް އެ މީހުންނާ އެކި ސުވާލުތައް ކުރާ ޝޯ އެކެވެ.

މީގެ ކުރިން ކޮފީ ވިތު ކަރަން ދައްކަމުން އައީ ސްޓާ ޕްލަސްއިން ނަމަވެސް މިފަހަރުގެ ސީޒަން ފެންނާނީ ހަމައެކަނި ޑިޒްނީ ހޮޓްސްޓާއިން ކަމަށް ހަބަރުތައް ބުނެ އެވެ. ޝޯ ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އެވެ.

ކޮފީ ވިތު ކަރަން އަކީ އެ ޝޯގައި ބައެއް ތަރިން ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން "މައްސަލަ ބޮޑު" ޝޯއެއްގެ ގޮތުގައި ބެލެވިފައިވާ ޝޯ އެކެވެ.

އެހެން ނަމަވެސް އެ ޝޯގެ އާ ސީޒަންތަކާއި އެޕިސޯޑުތަކަށް ގިނަ ބަޔަކު އަބަދުވެސް އިންތިޒާރު ކުރެ އެވެ.