ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ އަންހެން ދަރިފުޅު އީރާ ޚާންއާއި އޭނާގެ ލޯބިވެރިޔާ ނުޕުރް ޝިކާރޭގެ ކައިވެނީގެ ތާރީހު އާމިރު ޔަގީން ކޮށްދީފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އާމިރު ބުނީ އީރާއާއި ނުޕުރްގެ ކައިވެނި އަންނަ ޖެނުއަރީ މަހުގެ 03 ވަނަ ދުވަހަށް ތާވަލު ކުރެވިފައިވާ ކަމަށާއި ކައިވެނީގެ ތައްޔާރީތައް ބާރަށް ކުރިއަށްދާ ކަމަށެވެ.

ގިނަ ދުވަސްތަކެއް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އީރާއާއި ނުޕުރް އެންގޭޖުވީ މިދިޔަ ނޮވެމްބަރު މަހު އޮތް ކުލަގަދަ ހަފްލާއެއްގަ އެވެ.

ވާންއުޅޭ ޅީދަރިއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާމިރު ބުނީ ނުޕުރްއަކީ ހަރުދަނާ މީހެއް ކަމަށާއި އީރާ ޑިޕްރެޝަންއާ ހަނގުރާމަ ކުރަމުން ދިޔައިރު އޭނާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.

މަޝްހޫރު ތަރިންގެ ދަރިން ބޮލީވުޑްގެ މަސައްކަތްތަކަށް ނުކުންނަން ތައްޔާރު ވަމުން ދިޔަ ނަމަވެސް އީރާ މަސައްކަތް ކުރަނީ ނަފްސާނީ ސިއްހަތު ކުރިއެރުވުމުގެ ދާއިރާގަ އެވެ.

އީރާއަކީ އާމިރުއާއި އޭނާގެ ކުރީގެ އަންހެނުން ރީނާ ދައްތާގެ ހަމައެކަނި އަންހެން ދަރިފުޅެވެ. އެ ދެމީހުންނަށް އިތުރު ދަރިއަކު ވެސް ލިބިފައިވެ އެވެ. އެއީ ޖުނައިދު ޚާން އެވެ.