މި ދުވަސްވަރަކީ ބޮލީވުޑްގެ ގިނަ ތަރިންތަކެއް ޗުއްޓީ ހޭދަކުރަން ރާއްޖެއަށް ދަތުރު ކުރަމުން އަންނަ ދުވަސްވަރެކެވެ. ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް އެތަރިންގެ އިންސްޓަގްރާމްގައި ދަނީ ހިއްސާ ކުރަމުންނެވެ.

ޗުއްޓީ ހޭދަކުރަން ރާއްޖެއަށް އައި ބޮލީވުޑް ތަރިންގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ނަމަކީ 2000ގެ އަހަރުތަކުގައި މަޝްހޫރުވި ބިޕާޝާ ބާސޫ އެވެ.

ބިޕާޝާ އަންނަނީ އޭނާގެ ފިރިމީހާ ކަރަން ސިންހް ގްރޯވާއާއި ދަރިފުޅު ދޭވީއާއެކު ރާއްޖޭގައި ދުވަސްތައް ހޭދަކުރަމުންނެވެ. އެހެން ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް އެނގިފައެއް ނުވެ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ބިޕާޝާ އޭނާގެ އާއިލާއާއެކު ރާއްޖެ އައިސްފައި މިވަނީ ދަރިފުޅުގެ ފުރަތަމަ އުފަންދުވަސް ފާހަގަ ކުރާށެވެ. މިއަދަކީ ދޭވީގެ އުފަން ދުވަހެވެ.

ބިޕާޝާ ވަނީ އޭނާ ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ވީޑިއޯއެއް އިންސްޓަގުރާމްގައި ހިއްސާކޮށްފަ އެވެ. އެ ވީޑިއޯގައި އެދެމަރިންނާއި ދޭވީ ވެލާނާ އެއާޕޯޓުން ހުޅުލޭގެ ސީޕްލޭން ޓާމިނަލަށް ދެއެވެ.

ބިޕާޝާގެ އިތުރުން މިފަހުން ރާއްޖެއަށް އައި ބޮލީވުޑް ތަރިންގެ ތެރޭގައި ޕަރިނީތީ ޗޯޕްރާ، އަނަންޔާ ޕާންޑޭ އަދި ޝަނާޔާ ކަޕޫރު ހިމެނެ އެވެ.