ފުލުހުން ކޯޓު އަމުރެއްގެ ދަށުން އާރްޑީސީ އަށް މިއަދު ވަނީއެ ކުންފުނީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައިކަން ހާމަވެއްޖެ އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ހެނދުނު އާރުޑީސީ އަށް ވަނީ އެ ކުންފުންޏާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
"ހުރިހާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިއަދު ހެނދުނު އާރުޑީސީ އޮފީހަށް ވަނީ ކުންފުނީގެ އެކައުންޓުން ގެއްލުނު 13.8 މިލިއަން ރުފިޔަގެ މައްސަލައިގަ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުން އަންނަނީ އާރުޑިސީ ތެރޭގައި ހަރަކާތްތެރި ވަމުންނެވެ.
ފުލުހުން ތަހުގީގު ކުރަމުން އަންނަނީ އާރްޑީސީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެކެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.
އާރުޑީސީން ގެއްލުނު 13.8 މިލިއަން ރުފިޔާ އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ. މި މައްސަލާގައި ތުހުމަތު ކުރަނީ ޔާސިރު އަށާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އަށެވެ. އެހެން ނަމަވެސް އެކަން އާރުޑީސީން ދޮގު ކުރެ އެވެ.
އާރުޑީސީގެ އެކައުންޓުން އެކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރު ޔާސިރު ހަސަންގެ އެކައުންޓަށް ޖަމާ ކޮށްފައިވާ 13.8 މިލިއަން ރުފިޔާ އަކީ 2019 ވަނަ އަހަރުން ފެށިގެން ޕެޓީ ކޭޝްގެ ގޮތުގައި ޖަމާކުރި ފައިސާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އާރުޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ގަވާއިދުން އޮޑިޓް ކުރަމުންގެންދާ ކުންފުންޏެއް ކަމަށާއި މިހާރު ވެސް އޮޑިޓް ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.
ކުންފުނީގެ ފައިނޭޝަލް ޕޮލިސީއާ ހިލާފަށް އެއްވެސް ފައިސާގެ މުއާމަލާތެއް ނުވަތަ އެފަދަ މައްސަލައެއް ވެސް ފާހަގަ ވެފައިނުވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.