ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމަށް އެމްޑީޕީ ޕީޖީ ގުރޫޕަށް މައްސަލަ ހުށައަޅާނެ ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން މިހާރު އެންމެ އިސްކަމެއް ދޭންވީ މަސައްކަތަކީ ރައީސް މުއިއްޒު އަޒުލްކުރުން ކަމަށެވެ.
"އިއްޒަތްތެރި ރައީސް، މި އިސްލާހާ ގުޅިގެން ވެސް އަދި ރައްޔިތުން މިއަދު އެ ފާޅު ކުރަމުންދާ ހިޔާލުތަކާ އެކު އަޅުގަނޑަށް ޔަގީންވެ ކަށަވަރުވާ ކަމަކީ މިއަދު މި ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ އެންމެ މުހިންމު، އެންމެ އިސްކަމެއް ދޭންވީ މަސައްކަތަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ މަސައްކަތްކަން ކަން،" ޝިފާއު ވިދާޅުވި އެވެ.
ޝިފާއު ވިދާޅުވީ ސަރުކާރުން މިހާރު ގާނޫނުއަސާސީއާ ހިލާފު ކަންތައްތަކެއް ކުރަމުންދާ އިރު، އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ބިދޭސީންގެ ރެކޯޑްތައް ހިމެނޭ މައުލޫމާތު ނައްތާލާފައިވާ ކަމަށެވެ.
"ގާނޫނު އަސާސީއަކީ އެ ބައެއްގެ ކުރިމަތީގައި އެއްވެސް ގަދަރެއް ނެތް އެއްޗެއް ކަމަށް ގަބޫލުކުރާ ބަޔަކަށް ވެރިކަން ހަވާލުކޮށްގެން އަޅުގަނޑުމެން ތިބެނީތޯއޭ ދިވެހި ފަހުރުވެރި ދިދަ މަޖިލީހުގެ މެމްބަރުންނާ ސުވާލުކުރާ މަންޒަރު އެބަ ފެނޭ. މިހާރުގެ ރައީސް އަޒުލުކުރުމުގެ މަސައްކަތް ފަށަން ނުވޭތޯ ދިވެހި ދިދަ މުހާތަބު ކުރާތަން އެބަ ފެނޭ،" ޝިފާއު ވިދާޅުވި އެވެ.
އޭގެ އިތުރުން, ޝިފާއު ވަނީ މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވެރިކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބަލައިގަނެ އެ މަނިކުފާނު މިނިވަންކުރުމަށް ހުރަސް އަޅަނީ އަދުގެ ރައީސް މުހައްމަދު މުއިއްޒަށް ކަމަށް ޝިފާއު ތުހުމަތުކުރެއްވި އެވެ.
މިއަދު ޝިފާއު މިހެން ވިދާޅުވި ނަމަވެސް މީގެ ކުރިން ޝިފާއު ވިދާޅުވެފައިވަނީ އެފަދަ ވިސްނުމެއް އެމްޑީޕީ ނުގެންގުޅޭ ކަމަށެވެ.
ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވެ އެވެ. އާންމު ކޮމެޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމަށް ބެލުމަށެވެ.
މި އިސްލާހު ފާސްވެއްޖެ ނަމަ، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވިދާނެ އެވެ. އެމްޑީޕީ މަޖިލިސް މެންބަރުންގެ އަދަދަކީ 56 އެވެ.