ރާއްޖޭގެ ނޫސްވެރިންނަށް ސުވާލު ކުރުމުގެ އެއްވެސް ފުރުސަތެއް ނުދީ، ފުލުހުންގެ ސިޔާސަތުތައް ހާމަކޮށް އާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ބަޔާނެއް އިއްވަވާލެއްވުމަށް ފަހުގައި ނޫސްވެރިންގެ ބައްދަލުވުން މިއަދު ނިންމަވާލައްވައިފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ނޫސްވެރިން ބައިވެރިވީ އާ ޕޮލިސް ކޮމިޝަނަރުގެ ހައިސިއްޔަތުން ނޫސްވެރިން ކުރާ ސުވާލުތަކަށް ޝުޖާއު ޖަވާބު ދެއްވާނެ ކަމުގެ އުންމީދުގަ އެވެ. އެކަމަކު، ޕްރެސް ކޮންފަރެންސް ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ނޫސްވެރިންނަށް އަންގާފައި ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމެއް ނޯންނާނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު ޝުޖާއު ވިދާޅުވީ އެންމެ ބޮޑަށް ސަމާލު ކަން ދެއްވައިގެން ކުރައްވާނެ ކަންކަމުގެ ތެރޭގައި ފުލުހުންނަކީ ވީހާވެސް ގިނަ އިން މަގުމަތިން ރައްޔިތުންނަށް ހިދުމަތްދޭ ބަޔަކަށް ހަދަން ބޭނުންވާ ކަމަށެވެ. އަދި ފުލުހުން ޕެޓްރޯލް ކުރަން ނުކުމެ އުޅުން އިތުރުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ނަތީޖާއަކަށް ވާނީ ކުށް މަދުވުން. އަމާން ކަމުގެ އިހްސާސް ރައްޔިތުންނަށް ކުރެވުން. ހަމައެއާ އެކީގައި ބޭސިކް ޕޮލިސިން ރަނގަޅު ކުރުމުން ލިިއްބައިދޭނެ އަނެއް ހިތްހަމަޖެހުމަކީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ތަހުގީގު ކުރެވި މައްސަލަތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް އަވަހަށް އިންސާފު ލިބުން،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ހަރަކާތްތެރިވުން އިތުރުވާނެ ގޮތަށް ކަންކަން ބައްޓަން ކުރެވިގެން ދާނެ ކަމަށެވެ.

މީގެއިތުރުން މަސްތުވާތަކެއްޗާއި ކުށް ކުރާ ގްރޫޕްތަކުގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި ވަށާ ޖެހޭ ގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ. ވަށާ ޖެހޭ ގޮތަކަށް މެނުވީ މި މައްސަލަ އަށް ވެސް ހައްލެއް އަންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމުގައި ޝުޖާއު ވިދާޅުވި އެވެ.

އާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ: ޕޮލިސް

އެގޮތުން މި ސަރުކާރުން މިނިސްޓްރީ އޮފް ހޯމް ލޭންޑް ޓެކްނޮލޮޖީ އުފައްދަވައި އެއް ފުރާޅެއްގެ ދަށުން ހުރިހާ ލޯ އެންފޯސްމަންޓް ޑިޕާޓްމަންޓުތައް މިނިސްޓްރީގެ ބެލުމުގެ ދަށުން ކޯޑިނޭޓް ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ މި މައްސަލައަށް ހައްލެއް ގެންނަން އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

"ނަތީޖާއަކަށް ވާނީ މަސްތުވާތަކެތި އެތެރެ ކުރުމަށް ހުޅުވިފައި ހުރި ދޮރުތައް ކަސްޓަމާ އެކުގައި މިހާރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރުމަށް ދިވެހި ފުލުހުންނަށް ފުރުސަތު ލިބިގެން ދިއުން،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

ރަށް ރަށުގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން ނެޝަނަލް ޑްރަގް އެޖެންސީ އާ ހަވާލު ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރާ ބިދޭސީންގެ މައްސަލަތައް ބަލައި ނިމުމުން އެ ބިދޭސީން އިމިގްރޭޝަނާ ހަވާލު ކުރެވޭނެ މަގު ވެސް ތަނަވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް މި މަސައްކަތް ވަރަށް ކާމިޔާބު ކަމާ އެކީގައި އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ ބޮޑުންނާއި މިކަމުން ނަފާ ލިބޭ އެންމެން ހޯދުމުގައި ފުލުހުން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވަރަށް ސާބިތުކަމާ އެކުގައި ފުލުހުން ކުރާ ތަން ފެނިގެންދާނެ ކަމަށެވެ.

"އެގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ބައްޓަން ކުރެވިގެންދާ ތަން ދިވެހި ރައްޔިތުންނަށް ފެންނާނެ،" ޝުޖާއު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝުޖާއު އައްޔަން ކުރެއްވީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ މީގެކުރިން ހުންނެވީ އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރުގެ މަގާމުގަ އެވެ. ޝުޖާއު ވަނީ ޕޮލިސް އެކަޑެމީ އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) ގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވައިފަ އެވެ.