އިސްތަށިގަނޑަށް ސަމާލުކަން ދޭ ނަމަ މިއީ ވެސް ވިސްނައިލަން ޖެހޭ ކަމެކެވެ. ނިދާއިރު އިސްތަށިގަނޑު ދޮވެގެން، އެ ހުރި ތެތްކަން ރަނގަޅަށް ނުހިއްކައި ނިދާ ނަމަ ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ އެވެ.
ބޮލުގެ ހަންގަނޑު ކަހައި، ހިރުވައި އިސްތަށިތައް ބަލިކަށިވާ ނަމަ މިއީ ތެތް އިސްތަށިގަނޑާ އެކު ނިދާތީ ވާ ގޮތެއް ކަމަށް ބަލާށެވެ. ސިއްހީ މާހިރުން ވެސް ބުނަނީ މި ސަބަބާ ހުރެ، ތެތް އިސްތަށިގަނޑާ އެކު ނިދުން ރަނގަޅު ނޫން ކަމަށެވެ. އެހެން ކަމުން ވަގުތު ނެގިތެން ވެސް ފަރުވާ ކުޑަކޮށްލެވޭ ކަމަކަށްވާ ނަމަ އަމިއްލަ އިސްތަށިގަނޑަށް ބޮޑަށް ސަމާލުވާން ޖެހެ އެވެ.
ތެތް އިސްތަށިގަނޑާ އެކު ނިދާ ނަމަ ބޮލުގައި ޖަރާސީމު އުފެދި ހަންގަނޑަށް ގެއްލުންވެ، އަބަދު ބޯ ހިރުވާ ގޮތްވެ އެވެ. މިއީ ބޮލުގައި ރިހުމަށް ވެސް މަގުފަހިކުރުވާނެ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ތެތް އިސްތަށިގަނޑާ އެކު ނިދާ ނަމަ ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ބޮލަށް އެކަމުގެ އަސަރުކުރެ އެވެ. އިސްތަށިގަނޑު ދޮވުމަށް ފަހު، ތުވާލި އޮޅާލައިގެން ނިދާ ނަމަ ވެސް މި މައްސަލަ ދިމާވާނެ އެވެ.
ތެތް އިސްތަށިގަނޑާ އެކު ނިދާ ނަމަ ދިމާވާނެ އަނެއް މައްސަލަ އަކީ އިސްތަށިތަކުގައި ފަަސޭހައިން ގޮށްޖެހި، އިސްތަށިގަނޑު ތުނި ވުމެވެ. އެހެން ކަމުން ނިދުމުގެ ކުރިން އިސްތަށިގަނޑު ރަނގަށް ހިއްކާލުން މުހިއްމެވެ. ހާއްސަކޮށް އިސްތަށިގަނޑު ތުނި ނަމަ މިކަމަށް ވަކިން ބޮޑަށް ފަރުވާތެރިވާން ޖެހޭނެ އެވެ.
އަނެއް ކަމަކީ ތެތް އިސްތަށިގަނޑާ އެކު ނިދާ ނަމަ އިސްތަށިތަކުގެ ކޮޅު ހަލާކުވުމެވެ. މިއީ ވަރަށް ގިނަ އަންހެނުންނަށް އާންމުކޮށް ދިމާވާ މައްސަލައެކެވެ. ފަހަރެއްގައި މިކަމުގެ މައިގަނޑު ސަބަބަކަށް ތެތް އިސްތަށިގަނޑާ އެކު ނިދުން ކަމަށް ވެދާނެ އެވެ. އަނެއް ކަމަކީ އިސްތަށިގަނޑު ހިއްކުމަށް ފަހު ރަނގަޅަށް ގޮށްތައް ފިލުވައި އޮމާންކޮށް ފުނާ އެޅުމެވެ. މިހެން ނަހަދާ ނަމަ މީގެ ތުރާލާ ކުރިމަތިލާން ޖެހޭނީ ހެނދުނު ހޭލައިގެންނެވެ.
ދެން އޮތީ ހަންގަނޑަށް ވާ ގެއްލުމުގެ ވާހަކަ އެވެ. އަންހެނުންގެ އިސްތަށިގަނޑު އާއްމުކޮށް ދިގުކޮށް ހުންނާތީ ގައިގެ އެކި ތަންތަނުގައި އިސްތަށި ހޭކުމުގެ ފުރުސަތު އޮންނާނެ އެވެ. މިސާލަކަށް ކަނދުރާ އާއި ކޮނޑުމައްޗާއި އަތް ކަހަލަ ތަންތަނެވެ.
ތެތް އިސްތަށިގަނޑާ އެކު ނިދާ ނަމަ ކުރިން ވެސް ފާހަގަކުރި ގޮތަށް އިސްތަށިގަނޑުގެ ތެތްކަމާއި ނިދާ ތަނުގެ ތެތްފިނިކަމާ ހުރެ ޖަރާސީމު އަށަގަތުމުގެ ފުރުސަތު ބޮޑުވެ އެވެ. ނަތީޖާ އަކީ ގައިގައި އިސްތަށި ހޭކޭ ތަންތަނުގެ ހަމަށް ގެއްލުން ވުމެވެ. އެގޮތުން ހަނގަނޑު ކަހައި ހިރުވާ ގޮތް ވުމެވެ.
މި ސަބަބުތަކަށްޓަކައި ރޭގަނޑު ބޯ ދޮވެގެން ފެން ވަރާނަމަ ނިދަން އޮށޯތުމުގެ ކުރިން އިސްތަށިގަނޑުން ރަނގަޅަށް ފެން ހިއްކުން މުހިއްމެވެ.