ޓެލްއަވީވް [(8 ފެބްރުއަރީ) - އިޒްރޭލުގެ ސިފައިން ހިންގި ރެއިޑްތަކުގައި މިދިޔަ މަހު އެކަނިވެސް ހުޅަނގު އައްސޭރިން 456 ފަލަސްތީނު މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގައި މަސައްކަތްކުރާ އެންޖީއޯތަކުން ބުނެފި އެވެ.

ފަލަސްތީނުގެ އެންޖީއޯތައް ކަމަށްވާ ޕަލަސްތީނިއަން އޮތޯރިޓީސް ޕްރިޒަނާސް އެފެއާޒް ކޮމިޝަން، ދަ ޕަލަސްތީނިއަން ޕްރިޒަނާ ސޮސައިޓީ، ދަ އެޑަމީރް ޕްރިޒަނާ ސަޕޯޓް، ހިޔުމަންރައިޓްސް އެސޯސިއޭޝަން އަދި ވަދީ ހިލްވެހް އިންފޮމޭޝަން ސެންޓަރުން ގުޅިގެން ނެރުނު ބަޔާނުގައި ވަނީ އިޒްރޭލު ސިފައިން ހައްޔަރުކުރި މީހުންގެ ތެރޭގައި 93 ކުޑަކުދިންނާއި، 8 އަންހެނުން ވެސް ހިމެނޭ ކަމަށެވެ.

މި ބަޔާނުގައި ހާމަކޮށްފައިވާ ގޮތުން އިޒްރޭލު ސިފައިން ވަނީ 105 އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން އަމުރު ނެރެފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ މުޅިން އަލަށް ނެރުނު 30 އަމުރާއި، ކުރިން ނެރެފައިވާ 75 އަމުރު އިތުރުކުރުމަށް ނެރުނު އަމުރުތަކެވެ. އެޑްމިނިސްޓްރޭޓިވް ޑިޓެންޝަންގައި ކުރިން ބަންދުކޮށްފައިވާ މުއްދަތު ހަމަވުމުން އިތުރު ދައުވާއަކާއި ނުލައި ބަންދުގައި އިތުރަށް ބެހެއްޓުމަށް އިޒްރޭލު ފުލުހުންނަށް ފުރުސަތު ލިބެ އެވެ.

ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނގެ 4،500 މީހުން ބަންދުކޮށްފައި އެބަތިއްބެ އެވެ. މީގެ ތެރޭގައި 37 އަންހެނުންނާއި، 140 ކުޑަކުދިން ހިމެނެ އެވެ. އަދި މި ޖަމާއަތްތަކުން ލަފާކުރާ ގޮތުގައި އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ 355 މީހުން އިޒްރޭލު ސިފައިންގެ އަމަލުތަކާއި ގުޅިގެން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

މިއީ ތަފާތު ހާލަތްތަކުގައި ތިބި ބަންދު މީހުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ފާހަގަކޮށް އެ މީހުންނަށް އަވަސް ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އިޒްރޭލުގެ އިދާރާތަކަށް ގޮވާލާފައިވެ އެވެ.