ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ހިންގާ އެއްވެސް ހަރަކާތެއްގައި ފުލުހުންނަށް އަނިޔާ ވެދާނެފަދަ އެއްވެސް އަމަަލެއް ނުހިންގާނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅުގެ ކޯލިޝަނުން މިއަދު ހަވީރު ބޭއްވި މުޒާހަރާގައި ފުލުހަކަށް އަނިޔާވެފައިވާތީ، އެކަމާގުޅޭ ގޮތުން އެ ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، އިހްތިޖާޖުގެ ބައިވެރިން ހުއްޓުވުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރަނިކޮށް ފުލުހަކަށް އަނިޔާވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ނޫސް ބަޔާނުގައި ކޯލިޝަނުންވަނީ އިހްތިޖާޖުގައި ގިނަ އަދަދެއްގެ ބައިވެރިންނަށް އަނިޔާވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ކޯލިޝަނުން ބުނިގޮތުގައި ސަރުކާރުން ފުލުހުންގެ މައްޗަށް ކުރަމުންދާ ޣައިރު ގާނޫނީ އަމުރުތައް ތަންފީޒުކުރުމުގައި ފުލުހުންގެ މުއައްސަސާގެ ބައެއް ބޭކަލުން ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، ރައްޔިތުންނަށް އަނިޔާވާގޮތަށް އަމަލުތައް ގެންގުޅުނުނަމަވެސް، މިކޯލިޝަންގެ ފަރާތުން ފުލުހުންނަށް އަނިޔާކޮށް ފުލުހުންނަށް ގެއްލުން ލިބޭގޮތަށް އަމަލުކުރުމަކީ ކޯލިޝަނުން އެއްވެސްވަރަކަށް ބާރުއަޅާ ކަންކަމެއް ނޫނެވެ. އަދި އެފަދަ އެއްވެސް އަމަލެއް ހިންގާފައެއް ވެސް ނުވާނެ އެވެ.

ކޯލިޝަނުން ބުނިގޮތުގައި މިއަދުގެ އިހްތިޖާޖުގައި އަނިޔާވި ފުލުހަށް އަނިޔާވެފައިވަނީ އިހްތިޖާޖުގެ މެމްބަރެއްގެ ފަރާތުންނެއް ނޫނެވެ. އަދި ކޯލިޝަނުގެ މެމްބަރަކު ފުލުހަކަށް އަނިޔާވާނެފަދަ އަމަލެއް ނުކުރާނެ ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ކޯލިޝަނުންވަނީ، ސަރުކާރުގެ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަށް ފުލުންނަށް ގޮވާލާފަ އެވެ. އަދި ގާނޫނު އަސާސީގެ ހުދޫދުގެ ތެރެއިން، އެ ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަަށް ލިބިދޭފައިވާ ހައްގެއް ބޭނުންކޮށް ސުލްހަވެރިކަމާއެކު ހިންގާ ހަރަކާތްތަށް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި ދިވެހި ރައްޔިތުންނަށް އަނިޔާވާފަދަ ކަންކަން ނުކުރުމަށްވެސް ވަނީ ކޯލިޝަނުން އިލްތިމާސްކޮށްފަ އެވެ.

އިދިކޮޅުން މިއަދު ކުރި މުޒާހަރާގެތެރިން.

ހިޔާ މަޝްރޫއުގެ ފުލެޓު ދިންގޮތާއިމެދު ހިތްހަމަނުޖެހިގެން "ކޮބާ މަގޭ ފުލެޓު؟" ގެ ނަމުގައި އިނދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާ އެންމެ ފަހުން ރޫޅާލީ މިއަދު ވެސް ބާރުގެ ބޭނުންކޮށްގެންނެވެ.

ފުލުހުންވަނީ މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭޖަހައި ސަފުތައް ރޫޅާލުމަށް މަސައްކަތްކޮށްފަ އެވެ. އެ ސަފުތަށް ރޫޅާލުމަށް ފުލުހުންކުރި މަސައްކަތުގެ ތެރެއިން ވަނީ މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާވެފަ އެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ނެރުނު ހިޔާ ފްލެޓްގެ ލިސްޓާމެދު ހިތްހަމަނުޖެހުން ފާޅުކޮށް މިއަދު ކުރި މުޒާހަރާގައި އިދިކޮޅުން ވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔާފަ އެވެ.

މުޒާހަރާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.

އަދުރޭ ވަނީ މިސަރުކާރަކީ އަނިޔާވެރި އަދި ހުދުމުޚްތާރު ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުން 7،000 ފުލެޓުގެ ހައްގުވެރިން ކަނޑައަޅާފައި ވަނިކޮށް މިސަރުކާރުން އެ ލިސްޓު އޮޅާލައި، ބޭނުން ބަޔަކު ބާކީކުރީ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އޭގެ ނަތީޖާއަކީ ރައްޔިތުން މަގުމައްޗަށް ނުކުތުންކަމަށް ވެސް އަދުރޭ މިއަދުގެ މުޒާހަރާގައި ވިދާޅުވި އެވެ.

"މިއީ ވައްކަން ކުރަން ދެވިހިފާފައި އޮތް ސަރުކާރެއް. ވަކި އެއްޗަކުން ނޫން ވައްކަން ކުރަނީކީ. ފްލެޓުން ވައްކަން ކުރަނީ. ވަޒީފާއިން ވައްކަން ކުރަނީ. ދައުލަތުގެ ހަޒާނާއިން ވައްކަން ކުރަނީ. ވެންޓިލޭޓަރުން ވައްކަން ކުރަނީ.. ކޮވިޑުން ވައްކަން ކުރަނީ،" ޕީއެންސީގެ ރައީސް އަދުރޭ ވިދާޅުވި އެވެ.

އޭނާ ވަނީ، ދެން އަންނަ ރައީސް ޔާމީނުގެ ސަރުކާރެއްގައި ފުލެޓްގެ ހައްގުވެރިންނަށް ފުލެޓް ހޯދައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.