ފައިދާހުރި ކާނާ ކެއުމަށް ހުރިހާ ސިއްހީ މާހިރުން ލަފާދެއްވަ އެވެ. ފައިދާހުރި ކާނާ ލިބޭނެ ތަންތަން ވެސް އެނގެ އެވެ. ނަމަވެސް ބިޒީކޮށް އުޅެމުން ވަކި ގޮތަކަށް ކެއުން ގެންގުޅެން އުނދަގޫވަނީ އެކަމަށް ވަގުތު ހުސް ނުކުރެވޭތީ އެވެ. އެކަމަށް ހައްލެއް ގެނުވި ފަރާތަށް ހަމަޔަގީނުން ވެސް ޝެފް މުޖޭ ވާނެ އެވެ. ހިތްހެޔޮ މިޒާޖެއްގެވެރި މި މީހާއަކީ މީހުންގެ ސުފުރާތައް ފަޅުފިލުވުމަށް އެހީތެރިވެދޭ އެންމެންގެ އެކުވެރިޔާ އެވެ.

ހއ. މުރައިދޫއަށް އުފަން މުޖުތަބާ އަބްދުﷲ 44، ނުވަތަ އާންމު ނަމުން ނަމަ، މުޖޭއަކީ އެރަށު ދެމަފިރިއަކަށް ލިބިފައިވާ ހުނަރުވެރި، މަސައްކަތްތެރި ދަރިއެކެވެ. ބައްޕައަކީ އެރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ އަބްދުﷲ އިބްރާހީމް އެވެ.

މުޖޫގެ ބައްޕައަކީ ވަރަށް ހީވާގި މަސައްކަތްތެރިއެކެވެ. މުޖޭ ކުޑައިރު ހއ. އަތޮޅުގަ ދުއްވާ ހަމައެކަނި އިންޖީނުލީ ދޯނި އޭރު އޮންނަނީ މުޖޭގެ ބައްޕަގެ އަތުގަ އެވެ. ބައްޕަގެ މަސައްކަތްތެރިކަން ފެނި އެފަދަ މީހަކަށްވުމަކީ މުޖޭގެ ވަރަށް ބޮޑު އުންމީދެކެވެ. ނަމަވެސް މުޖޭވީ ބައްޕައަށް ވުރެ ވެސް ހީވާގި މަސައްކަތްތެރިއަކަށެވެ. ޚިޔާރުކުރީ އެހެން ރޮނގެކެވެ. މުޖޭވީ މޮޅު ކެއްކުންތެރިއަކަށެވެ.

ފުރަތަމަ ފެށުން ވައްބިންފަރުން

ރަށުން ކިޔަވައި ނިމުމަށް ފަހު އުމުރުން އެންމެ 17 އަހަރުގައި ބެނިޔަންޓްރީ ވައްބިންފަރުއާ ގުޅުނުއިރު، މުޖޭގެ ކިބައިގާ އެއްވެސް ވަރަކަށް ކެއްކުމުގެ ވިސްނުމެއް ނެތެވެ.

"ފުރަތަމަ ސްޓުވާޑިންގެ މަސައްކަތް ކުރީ. އެތާ މަސައްކަތް ކުރިއިރު ޝެފުން މަސައްކަތް ކުރާތަން ފެނިގެން ޕޭސްޓްރީއަށް ޝައުގުވެރިވީ،" 19 އަހަރު ވަންދެން ބެނިޔަންޓްރީ ރިސޯޓުގަ މަސަކަތް ކުރި މުޖޭ ކިޔައިދިނެވެ.

ހުނަރުވެރި ޝެފް މުޖުތަބާ އަބްދުﷲ.

ޕޭސްޓްރީގެ މަސައްކަތުގެ ދިގު ތަޖުރިބާއަށް ފަހު މުޖޭ ދެން ވިސްނީ ކޭކް ޑެކަރޭޝަންގެ ދާއިރާއިން ކުރިއަށްދާށެވެ.

"މާލޭގެ އެފްއެސް ކޭކްސް، އިން ފާތުމަތު ޝެރިން ހިންގި ޑިޕްލޮމާއިން ކޭކް ޑެކަރޭޝަން ކޯސް ފުރިހަމަކުރިން. އެއަށްފަހު އެތާގައި ޕޭސްޓްރީ ކުލާސްތައް އަޅުގަނޑު ނަގައި ދިނިން،" އެފްއެސް ކޭކްސްގެ ތަޖުރިބާ ހިއްސާ ކޮށްލަމުން ބުން މުޖޭ ބުންޏެވެ.

މައި ކޭކްސް އެންޑް ސްވީޓްސް ފެށުނީ ކޮވިޑް ދުވަސްވަރު

ކޮވިޑް އައުމުން 2020ގައި ކުކިން، ޕޭސްޓްރީ އަދި ކުކީސް ކޯސްތައް އޮންލައިންއަށް ބަދަލުކުރި އެވެ. އޭގެ ސަބަބުން އެތައް ބަޔަކަން މަންފާކުރި އެވެ. ގޭގައި ހުރެގެން މީރުކޮށް ކައްކަން ދަސްވި އެތައް ބައެއް އެބައުޅެ އެވެ. ދުވަހަކު ވެސް ޕޭސްޓްރީގެ މަސައްކަތް ކުރަން ދަސްވެފައި ނެތް އެތައް ބަޔަކަށް ޕޭސްޓްރީގެ މަސައްކަތް ދަސްވެ، ވިޔަފާރީގެ ގޮތުގައި އެކަން ކުރަން ފެށި އެވެ.

"ކޮވިޑްގެ ދުވަސް ވަރު 'މައިކޭކްސް އެންޑް ސްވީޓްސް' ގެ ނަމުގައި އޮންލައިން ކޯސް ހިންގަން ފެށީ. އެއަށް ވަރަށް ތަރުހީބު ލިބުނު. ހަސަތޭކަ އެއްހާ މީހުންނަށް މިހާރު ތަމްރީން ދެވިފައިވާނެ. އަދި އަށާރަވަރަކަށް ރަށުގައި ކްލާސް ނެގިފައި ހުންނާނެ،" މިހާރު ވެސް ހއ. ގައި ކެއްކުމާއި ޕޭސްޓްރީ ކޯސް ހިންގަން ގޮސްހުރި މުޖޭ ކިޔައިދިނެވެ.

މުޖުތަބާ ތައްޔާރުކޮށްފައިވާ ކޭކެއް. އޭނާއަކީ ކޭކާއި ޕޭސްޓްރީ ތައްޔާރުކުރަން މޮޅު ޝެފެއް.

މުޖޭގެ ކޯސްތަކުގައި އެކި އުމުރުގެ ދެޖިންސުގެ މީހުން ވެސް ބައިވެރިވެ އެވެ.

"ވަކި އުމުރެއް ޝަރުތެއް ނުކުރަން. އެންމެ ދޮށީ ބައިވެރިއެއްގެ ގޮތުގައި ފަންސާސް ތިން އަހަރުގެ މީހެއް ބައިވެރިވި. އެންމެ ހަގު ބައިވެރިއާގެ އުމުރަކީ ފަސް އަހަރު. އަޅުގަނޑު ކިޔަވައިދޭ ކުކީސް ކޯސްތަކަކީ އެކި ކުދިންގެ ރިކުއެސްޓްއަށް ހިލޭ ހިންގާ ކްލާސްތަކެއް. ގާތްގަނޑަކަށް ތިންހާހަށް ވުރެ ގިނަ ކުޑަކުދިންނަށް ކުކީސް ކޯސް ހިންގިފައި ވާނެ،" މުޖޭގެ މަސައްކަތް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.

ކާމިޔާބީތައް

އިންޑިއާ، މެލޭޝިއާ، އަދި ބެންކޮކްއިން ތަމްރީނުވެފައިވާ މުޖޭ ވަނީ 2017 އަދި 2018 ގައި ހޮޓެލް އޭޝިއާ ކޭކް އެންޑް ޑެސާޓް ކެޓަގަރީގައި ވާދަކޮށް އެ ދެ އަހަރު ވެސް ބްރޮންޒް މެޑެލް ހާސިލްކޮށްފަ އެވެ. އޭގެ އިތުރުން މުޖޭގެ ކްލާސްތަކުން ތަމްރީން ވެގެން ނިކުމެ، ވިޔަފާރިއަށް އެ މަސައްކަތް ކުރާތަން ފެނުމަކީ ވެސް މުޖޭއަށް ލިބޭ ކާމިޔާބީއެއް ކަން ފާހަގަކޮށްލި އެވެ.

"ޕިއްޒާ ބައިޓް" އަކީ މުޖޭގެ އަމިއްލަ ރެސްޓޯރެންޓް

ހުޅުމާލޭ ގައި ހުންނަ "ޕިއްޒާ ބައިޓް"އަކީ ސިއްހީގޮތުން، ފައިދާހުރި ކާނާ ކާން ބޭނުންވާ ބޭފުޅުންނަށް ޚާއްސަ ތަނެކެވެ.

"ވަރަށް ގިނަ މީހުން ފައިދާހުރި ކާނާ ކާން ބޭނުންވޭ. ބިޒީކޮށް އުޅޭ އެތަށް ބަޔަކަށް 'ހެލްތީ ފުޑް' ޑެލިވާ ކޮށްދެން. މިހާރު ވެސް ފައިސާ ދައްކާފައިވާ ހަތްދިހައަށް ވުރެ ގިނަ މީހުންނަށް ހާއްސަ ކާނާ ޑެލިވާ ކޮށްދެން،" މުޖޭ ކިޔައިދިނެވެ.

މައި ކޭކްސް އެންޑް ސްވީޓްސްގެ ފަރާތުން ތައްޔާރުކޮށްދޭ ފައިދާހުރި ކެއުންތައް މީރުކުރުމަށް ވެސް ސިއްހީ ގޮތުން ރަނގަޅު ނޫން އެއްޗެއް ބޭނުން ނުކުރާކަން މުޖޭ ފާހަގަކުރި އެވެ.

މުޖުތަބާ ތައްޔާރުކޮށްފައިވާ ކެއުމެއް.

"ހެލްތީ ކެއުން ތައްޔާރު ކުރަނީ ވީހާ ވެސް މީރުކޮށް. 'އަންހެލްދީ އިންގްރިޑިއަންޓްސް' ބޭނުން ނުކޮށް. 'ސެލްޑް އޮއިލް' އަދި 'އޮލިވް އޮއިލް' ބޭނުން ކުރަން ނަމަވެސް ފްރައީ (ތެލުލާ) ނުހަދަން. ހަކުރު ބަލި، ލޭމައްޗަށް ދާ ބަލި ފަދަ ލައިފް ސްޓައިލާ ގުޅޭ ބަލިތަކުގެ މީހުންގެ ހާއްސަ ކެއުން ވެސް ތައްޔާރު ކޮށްދެން،" މުޖޭ ވަރަށް އުފަލާއެކު ފާހަގަކުރި އެވެ.

މުޖޭގެ މެސެޖް

މިހާރު ވެސް އޮންލައިން ބްރެޑް ރޯލްސް ކްލާހެއް ހިންގާ މުޖޭ އެދެނީ މުޖޭ ފަދައިން ގިނަ ބަޔަކު މިދާއިރާއަށް ނުކުތުމެވެ.

"މި މަސައްކަތް ކުރާ ކުއްޖަކަށް ނުވަތަ ކުރަން ބޭނުންވާ ކުއްޖަކަށް ބުނެލަން އޮތީ މިއީ ފިރިހެން ނުވަތަ އަންހެނަކަށް ޚާއްސަ މަސައްކަތެއް ނޫނޭ. ވަރަށް ފައިދާވާ މަސައްކަތެކޭ. މިމަސައްކަތުގައި ކުރިޔަށް ދެވޭނެ މަގުތައް އެބައޮތޭ،" މުޖޭގެ މެސެޖް އިއްވި އެވެ.

ތިރީގަ އެވަނީ ރޯދަ ވީއްލާ ގަޑިއަށް ތައްޔާރު ކޮށްލަން މުޖޭ ހިއްސާކޮށްލި، ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ވަރަށް މީރު ޑެސެޓެއެކެވެ.

ޕެޝަން ފްރުޓް މޫސް

ބޭނުންވާ ތަކެތި:

  • 100 ގުރާމް ޕެޝަން ފްރުޓް ޖޫސް
  • 160 ގްރާމް ގެރިކިރު
  • 500 ގްރާމް ވިޕިންގް ކްރީމް

ތައްޔާރު ކުރާނެގޮތް:

ހުރިހާ އެއްޗެއް ޖޫސްގިރާ މިކްސާ އަކަށް އަޅާ އޮލަވަންދެން ގިރާލާ. ސާވްކުރާނީ ކުދި ތަށީގައި.