ރާއްޖޭގެ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް އަބޫ ދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ އިތުރު އެހީ ހޯދުމާ ގުޅޭ ގޮތުން އެ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދީއާ އެކު ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.

އަބޫ ދާބީ ފަނޑުގެ މާލީ އެހީ ހޯދުމަށް ރާއްޖެ އިން ހުށައަޅާފައިވާ ހުށައެޅުންތަކުގެ އިތުރުން، އެ ބައްދަލުވުގައި ޒަމީރު ވަނީ ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަބޫ ދާބީ ފަންޑުން މިހާރު ވެސް އަންނަނީ ރާއްޖޭގެ ބޮޑެތި މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މަޝްރޫ އަށް އެ ފަންޑުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ވެސް އަބޫ ދާބީ ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ޒަމީރު ވިދާޅުވީ މާފަރު އެއާޕޯޓަކީ ރާއްޖެ އާއި އަބޫ ދާބީ ފަންޑު ގުޅިގެން އިތުރު އެހީ ހޯދަން ހުޅުވުނު ދޮރެއް ކަމަށް ވިދާޅުވެފަ އެވެ.