ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހައިރާން ކުރުވަނި ނަތީޖާއެއް ހޯދާފައިވާ ނަމަ އެ ކެންޑިޑޭޓަކަށް ހަމަގައިމު ވެސް ކުރެންދޫ ދާއިރާ އިން އިންތިޚާބު ކާމިޔާބު ކުރެއްވި އަމިއްލަ ގޮތުން ވާދަކުރެއްވި ޝާމިން ހަބީބު ވާނެ އެވެ.

މިއީ މަޖިލީހުގެ އިންތިޚާބަށް ޝާމިން ނުކުމެވަޑައިގެންނެވި ދެވަނަ ފަހަރެެވެ. ދެހާސް ނަވާރަ ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ވެސް އެ ދާއިރާ އަށް ޝާމިން ވާދަކުރެއްވި އެވެ. ހަތަރު ކެންޑިޑޭޓުން ވާދަކުރި އެ އިންތިޚާބުގެ ފުލަށް ދިޔައީ ޝާމިން އެވެ. އެކަމަކު އެ ނަތީޖާ އިން އޭނާ އަށް މާޔޫސްކަމެއް ލިބިވަޑައި ނުގެންނެވި އެވެ. އެ ފަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ، އޭރުގެ ސަރުކާރު ކެންޑިޑޭޓް އެމްޑީޕީން ނުކުމެވަޑައިގެންނެވި އަބްދުލްޣަނީ އަބްދުލް ހަކީމެވެ. އެ ފަހަރު ޝާމިން އަށް ލިބިވަޑައިގެންނެވީ 253 ވޯޓެވެ.

ކުރެންދޫ ދާއިރާ އަށް މި ފަހަރު، ފަސް ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ދެ މެންބަރަކު ވެސް ހިމެނެ އެވެ. އެއީ ކުރެންދޫ ދާއިރާ ތަމްސީލް ކުރައްވާ ޣަނީ އާއި ހުޅުމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޮ އަލީ ނިޔާޒެވެ. ދެން ހުނެންވީ ސަރުކާރު ކެންޑިޑޭޓް އާދަމް ތައުފީގާއި އެމްއެންޕީން ވާދަކުރެއްވި މުހައްމަދު ޔޫސުފް (މާޔާ) އެވެ. އިންތިޚާބުގައި ހަތަރު ވޯޓު ލިބުނު މާޔާގެ ތާއީދު ފަހުން ވަނީ ސަރުކާރު ކެންޑިޑޭޓް އާދަމް ތައުފީގަށް ދެއްވައިފަ އެވެ.

ޝާމިން ހަބީބުކުރެންދޫ ދާއިރާގެ ރައްޔިތަކާ ވާހަކަ ދައްކަވަނީ.

ބާރާއި ނުފޫޒު ގަދަ ބޭފުޅުންތަކަކާ ވާދަކުރައްވައި އަމިއްލަ ގޮތުން އިންތިޚާބަށް ނުކުމެވަޑައިގެންނެވި ޝާމިން މިފަހަރު މި ހޯއްދެވި ކާމިޔާބީއަކީ ގިނަ ބަޔަކަށް ހަމަ ހައިރާން ކަމެކެވެ.

ކުރެންދޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާ:

  1. ޝާމިން ހަބީބު (އަމިއްލަ) - 741 ވޯޓު
  2. އާދަމް ތައުފީގު (ޕީއެންސީ) - 547 ވޯޓު
  3. އަބްދުލް ޣަނީ (އަމިއްލަ) - 317 ވޯޓު
  4. އަލީ ނިޔާޒް (އެމްޑީޕީ) - 250 ވޯޓު
  5. މުހައްމަދު ޔޫސުފް (އެމްއެންޕީ) - 4 ވޯޓު

މި އިންތިޚާބު، ކުރެންދޫ ދާއިރާއާ އާއިލީ ގޮތުން ގުޅުން އޮންނަ ޝާމިން ކާމިޔާބު ކުރުމުގައި ބައެއް ކަންކަން ވަނީ ފަހިވެފަ އެވެ. ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ފަރާތުން އާދަމް ތައުފީގު ނުކުމެވަޑައިގެންނެވި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ފަހުން ވަނީ ޣަނީ އަށް ތާއީދު ކުރައްވައިފަ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ޣަނީ ހޮވިވަޑައިގެންނެވި ނަމަވެސް ވެރިކަން ބަދަލުވުމާ އެކު އޭނާ ވަނީ ކޮޅު ބަދަލުކުރައްވައި ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ. އާދަމް ތައުފީގަކީ ސަރުކާރު ކެންޑިޑޭޓް ނަމަވެސް އޭނާއާ މެދު ޕީއެންސީން ޝައްކެއް އުފެދުނީ މާފަހުންނެވެ. ޖެނުއަރީ މަހު ބޭއްވި ޕީއެންސީގެ ޕްރައިމަރީގައި އާދަމް ތައުފީގު ވަނީ އޭނާއާ ވާދަކުރި ކެންޑިޑޭޓަށް 71 ވޯޓު ލިބުނު އިރު 296 ވޯޓުން ޕްރައިމަރީ ކާމިޔާބު ކޮށްފަ އެވެ. އެކަމަކު އޭނާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ނައިބުކަން ކުރައްވައި، ޔާމީންގެ ސަޕޯޓަރެއްކަން އެނގުނީ މާފުން ކަމުގައި ބެލެވެ އެވެ.

ޕީއެންސީން އާދަމް ތައުފީގަށް ތާއީދު ނުކުރި ސަބަބަކީ މިއީ ކަމުގައި ބެލެވެ އެވެ. އެކަމަކު އޭގެ އެޑްވާންޓޭޖް މި ލިބުނީ އަމިއްލަ ކެންޑިޑޭޓް ޝާމިން އަށެވެ.

ޝާމިން ހަބީބު: ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު

ސަރުކާރުގައި އިންފޮމޭޝަން މިނިސްޓްރީ އާއި ޓޫރިޒަމް ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ވަޒީފާ އަދާކުރެއްވި ޝާމިން އަކީ މޮޅު ކްރިކެޓް ކުޅުންތެރިއެއް ވެސް މެ އެވެ. ބާޒާރު މަތީގައި "ގޮވެލި" ގެ ނަމުގައި ބޮޑު ފިހާރާއެއް ހިންގެވުމުގައި އުޅުއްވާ ޝާމިން ވަނީ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމަށް ވެސް ކުޅުއްވައިފަ އެވެ. އޭނާގެ ބައްޕަ ހަސަން ހަބީބަކީ ވެސް މޮޅު ކްރިކެޓް ކުޅުންތެރިއެކެވެ. ޝާމިންގެ ބައްޕަ ހަބީބު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ކޮކޯލާ ކުންފުނީގެ ޕްރޮމޯޝަންތަކުގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރެއްގެ ގޮތުން ކުރެއްވި މަސައްކަތްތަކާ އެކު އެވެ. ޝާމިންގެ ކޮއްކޮ ޝާޒް ހަބީބަކީ މިހާރު ފޮރިން މިނިސްޓްރީގެ ނައިބެކެވެ. ނިއު ރޭޓިއަންޓުގެ ފުޓުބޯޅަ ޓީމު ހިންގެވުމުގައި ވެސް ޝާޒް ވަނީ ކުރިން ހަރަކާތްތެރިވެފަ އެވެ.

ޝާމިންގެ ކާމިޔާބީގައި ކުރެންދޫ ދާއިރާގައި ހިމެނޭ އޮޅުވެލިފުށިން ލިބުނު ބޮޑު ތާއީދު ފާހަގަކުރެވެ އެވެ. ޝާމިންގެ ބައްޕަ އަކީ އޮޅުވެލިފުއްޓަން އުފަން ބޭފުޅެވެ. މާލޭގެ ރައްވެހިކަން މިހާރު އޮތް ނަމަވެސް އެ އާއިލާ އިން ދިޔައީ އޮޅުވެލިފުއްޓާ ގާތްކަން ބާއްވަމުންނެވެ. ޝާމިން ވެސް ގެންދެވީ އެ ރަށުގެ ޒުވާނުންނާއި އާއްމުންނާ ގުޅުން ބާއްވަވައި އެކިއެކި ރޮނގުރޮނގުން ރަށަށް އެހީވަމުންނެވެ. އޭގެ ނަތީޖާ ރައްޔިތުން މި ދެއްކީ ވޯޓުންނެވެ.

ޝާމިންގެ އުއްމީދަކީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދީ ދާއިރާ އަށް ތަރައްގީ ހާސިލްކޮށްދިނުމެވެ. އެކަމަށްޓަކައި ސަރުކާރާ ގުޅިގެން ނަމަވެސް ކުރިއަށް ވަޑައިގަތުމެވެ.