ތެހެރާން (މެއި 21) - އީރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ހޯދާފައި ވަނީ ތުރުކީން ފޮނުވި ޑްރޯންތަކުގެ އެހީގަ އެވެ.

އީރާނުގެ ހުޅަނގު އުތުރުގެ ސަރަހައްދުގެ ފަރުބަދަ މަތީގެ ސަރަހައްދަށް ހެލިކޮޕްޓަރު ވެއްޓިފައި އޮތްތަން ހޯދުމަށް ފަހު، އަކިންސީ ޑްރޯންތައް އެނބުރި ދަމުން ވަނީ ހަނދުފަޅިއަކާއި ތަރިއެއް ފްލައިޓް މެޕުން ސިފަވާ ގޮތަށް "ކުރަހާލައިފަ" އެވެ. ތުރުކީގެ ދިދައިގައި ވެސް ސިފަކޮށްފައި ވަނީ ހަނދުފަޅިއަކާއި ތަރިއެކެެވެ.

ތުރުކީގެ ސަރުކާރުގެ ނިއުސް އެޖެންސީ އޭއޭ އިން ބުނި ގޮތުގައި ޑްރޯންތައް ދަތުރުކުރި ރޫޓް ވަނީ އެތައް ހާސް ބަޔަކު ފްލައިޓްރާޑާ އެޕް މެދުވެރިކޮށް ލައިވްކޮށް ބަލައިފަ އެވެ. އެ އެޖެންސީން ވަނީ ޑްރޯންތަކުން ކުރެހި ހަނދުފަޅި އާއި ތަރީގެ ވީޑިއޯއެއް ވެސް އާއްމުކޮށްފަ އެވެ.

ތުރުކީ އަކީ ޑްރޯން އުފެއްދުމުގައި ދުނިޔޭގައި އަރާ އޮތް ގައުމެކެވެ. ޑްރޯންތައް އުފައްދަނީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ދަނބިދަރިކަލުންގެ ކުންފުނިންނެވެ.

ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އީރާނުގެ ރައީސް، ރައިސީ އާއި ޚާރިޖީ ވަޒީރު ވަނީ އަވަހާރަވެފަ އެވެ.