އާޓިފިޝިއަލް އިންޓަލިޖެންސް (އޭއައި) ފަދަ، ޒަމާނީ ޓެކްނޮލޮޖީއަށް ޓީޗަރުން އަހުލުވެރިކޮށް، ސްކޫލުތަކުގައި އޭއައި ބޭނުންކޮށްގެން ކިޔަވައިދިނުމަށް ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ދެއްވި ހިތޯބުގައި ވިދާޅުވީ ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ފެންވަރު ރަނގަޅު މުދައްރިސުން ދާއިރާގައި މަދުވުން ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތް ކުރާ މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު، ވަކި މިންގަނޑެއްގައި ހިފެހެއްޓުން މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ސްކޫލުތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދިވެހި މުދައްރިސުންނަށް ހެދުމަށްޓަކައި، ގައުމީ ފެންވަރުގެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މި އަހަރު ފަށާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ އާޓިފިޝިއަލް އިންޓަލިޖެންސް ފަދަ، ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާ ކުރުމަށް މުދައްރިސުން އަހުލުވެރި ކުރުވުމާއި، ޝާމިލުކޮށްގެން އުނގަންނައިދިނުމުގައި އެސިސްޓިވް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައި ދިނުމަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް، ހާއްސަ އިސްކަމެއް މި ދިރާސީ އަހަރު ދެއްވާނެ ކަމަށެވެ.

"ހިދުމަތްތެރި މުދައްރިސުން! ޓެކްނޮލޮޖީގެ ބޮޑު ބަދަލަކަށް ދުނިޔެ މިސްރާބު ޖަހާފައިވާއިރު، ތަރައްގީގެ މައިދާނުގައި އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖޭގެ، މުސްތަގުބަލުގެ ޖީލު ބައްޓަން ކުރަންވާނީ، ޓެކްނޮލޮޖީއަށް އަހުލުވެރި، ކުރިއެރުމަށް ލޯބިކުރާ، އިސްލާމީ މަތިވެރި އަގުތައް އަށަގެންފައިވާ ބައެއްގެ ގޮތުގައި" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ފެށި ދިރާސީ އަހަރާއެކު ސަރުކާރުގެ ސްކޫލުތަކުގައި 12،662 ޓީޗަރުން މަސައްކަތްކުރާނެ އެވެ. އެއީ 10،729 ދިވެހި ޓީޗަރުންނާއި 1،933 ބިދޭސީ ޓީޗަރުންނެވެ.