ހިންދީ ޓީވީ އިންޑަސްޓްރީގެ މަގުބޫލު ތަރިއެއް ކަމަށްވާ އަންކިތާ ލޯކަންޑޭ މިވަނީ އެ ދާއިރާގައި 15 އަހަރު ފުރިހަމަކޮށްފަ އެވެ. މި މުނާސަބަތާ ގުޅިގެން އޭނާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް އާއްމުކޮށްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އަންކިތާ އާއްމުކުރި އެ ޕޯސްޓުގައި އަންކިތާ ވަނީ އޭނާގެ ދަތުރުގައި އެހީވި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

އެގޮތުން އެ ދާއިރާގައި އޭނާއަށް ލިބުނު ކާމިޔާބީގެ ފަހަތުގައި ވަނީ އޭނާގެ އެންމެ ފުރަތަމަ ޝޯ "ޕަވިތުރާ ރިޝްތާ"ކަން ފާހަގަކޮށް އަންކިތާ ވަނީ އެޝޯގައި އޭނާއާއެކު ފެނިގެންދިޔަ ސުޝާންތު ސިންހް ރާޖްޕުތަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

އަންކިތާ ބުނީ ސުޝާންތުއާ ނުލާ އޭނާގެ ދަތުރު ފުރިހަމަ ނުވީސް ކަމަށާއި ސުޝާންތަކީ އޭނާގެ ކާމިޔާބީގައި ބޮޑު ދައުރެއް އަދާކޮށްދިން ފަރާތެއް ކަމަށެވެ.

އެކުގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު އަންކިތާއާއި ސުޝާންތުއަކީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ ތަރިންނެވެ. 2020 ވަނަ އަހަރު ސުޝާންތު ކުއްލި ގޮތަކަށް މަރުވުމާއެކު އަންކިތާއަށް ވަރަށް ފުން އަސަރެއް ކުރި އެވެ.