ރ. އުނގޫފާރުގައި ހުރި މަގުބައްތި ހޮޅި ދަނޑިއަކުން, މަގުމަތީގައި ފެން ހެދިފައި ހުރި ތަނަކަށް, ކަރަންޓް ދަތުރުކޮށް އެތަނުގައި ކުޅެން ތިބި ދެ ކުއްޖަކު ކަރަންޓުގައި ޖެހުމުން އެ ކުދިން ސަލާމަތް ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި ޒުވާނާ އަދިވެސް ހާލު ގޯސް ކަމަށް އެޒުވާނާގެ އާއިލާ އިން ބުނެފި އެވެ.

މިދިޔަ މަހު މޫސުން ގޯސްވެ އުނގޫފާރަށް ވެސް ކުރި ވިއްސާރައިގައި މަގުތަކުގައި ފެން ހެދުނެވެ. އޭގެ ތެރެއިން ފެންގަނޑަކަށް ކަރަންޓް އައީ އެތަނުގައި ހުރި ހޮޅިދަނޑިއަކަށް ގުޅާފައި ހުރި ކޭބަލަކުން ކަރަންޓު ލީކުވެގެންނެވެ. އޭރު އެ ފެންގަނޑުގައި ދެ ކުއްޖަކު ކުޅެން އުޅުނެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި ކަރަންޓުގައި ޖެހުނު ދެ ކުދިން ސަލާމަތް ކުރަން އުޅުނު ހުސެން އަތީކަށް އެ މަންޒަރު ފެނިގެން އަނބުރާ ގަނެގެން ވެއްޓުނީ އެވެ. އެ ކުއްޖާ ކަރަންޓުގައި ޖެހުނު ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ.

އުމުރުން 18 އަހަރުގެ މި ކުއްޖާ އަކީ އޯޓިސްޓިކް ކުއްޖެކެވެ. މި ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފަ އެވެ.

ހުސައިން އަތީކުގެ އާއިލާއިން ބުނީ އަތީކަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ)ގައި ކަމަށާއި އޭނާގެ ހާލަތަށް މާ ބޮޑު ކުރިއެރުމެއް ނާންނަ ކަމަށެވެ. އަދި އަތީކުގެ ކިޑްނީގައި ފެން އުފެދިފައިވާތީ ޑަޔަލަސިސް ވެސް ހަދާފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.

ޒުވާނާގެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި އަތީކް އޮތީ ވަރަށް ބޮޑަށް ދުޅަވެ ސިފަ ގެއްލިފަ އެވެ. އެއީ ކާކު ކަމެއް ވެސް ފުރަތަމަ ނޭނގުނު ކަމަށެވެ. ފުއްޕާމެ އާއި އެތެރެހަށީގެ ގިނަ ގުނަވަންތަކަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް އެއާއިލާއިން ބުނެ އެވެ.

އެ ހާދިސާގައި ފެންގަނޑުގައި ތިބި އެ ދެ ކުދިންނަށް ވެސް އަނިޔާވި ނަމަވެސް ބޮޑުވަރުވީ އެ ކުދިން ސަލާމަތް ކުރަން ނުކުތް އަތީކަށެވެ.

އޭނާގެ ހާލު ސީރިއަސްވީ އެ ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އޭނާއަށް ކަރަންޓު ހޮޅިދަނޑީގައި އަތްލެވުމުނެވެ.