އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އޮސްކާ އެވޯޑަށް ފިލްމުތައް ހުށައެޅުމުގެ ފުރުސަތު އެކަޑަމީ އޮފް މޯޝަން އާޓްސް އެންޑް ޕިކްޗާސްއިން ހުޅުވާލައިފި އެވެ.

އެ އެކަޑަމީގެ ވެބްސައިޓުގައިވާ ގޮތުން އާއްމު ކެޓެގަރީތަކާއި އެނިމޭޓަޑް ކެޓެގަރީ، ޑޮކިއުމެންޓްރީ ކެޓެގަރީ އަދި އިންޓަނޭޝަނަލް ކެޓެގަރީއަށް ނަން ހުށައެޅުމުގެ ފުރުސަތު ފިލްމުތަކާއި ވަކިވަކި ތަރިންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

މި އެވޯޑަށް ނަން ހުށައެޅުމުގެ ސުންގަޑި އެކި ކެޓަގަރީތަކަށް ބަހާލެވިފައިވާއިރު ސުންގަޑިތައް ހިމެނެނީ އޮގަސްޓް 15 އާއި ނޮވެމްބަރު 15އާ ދެމެދު އެވެ.

97 ވަނަ އޮސްކާ އެވޯޑް އޮންނާނީ 02 މާޗް 2025 ވާ އާދީއްތަ ދުވަހު ހޮލީވުޑްގެ ޑޮލާ ތިއޭޓަރުގަ އެވެ. އެ ހަފްލާގައި ހޮލީވުޑްގެ މަޝްހޫރު ގިނަ މޫނުތަކެއް ފެންނާނެ އެވެ.

އެ އެވޯޑަށް މިހާރު ވެސް ގިނަ ފިލްމުތަކެއްގެ ނަން ހުށައަޅާފައިވާއިރު އޭގެ ތެރޭގައި "އިންސައިޑް އައުޓް 2"، "ޗެލެންޖާސް"އަދި "ދަ ސަބްސްޓެންސް" ހިމެނެ އެވެ.

މި އަހަރުގެ އޮސްކާ އެވޯޑް ބާއްވާފައިވާއިރު އެ އެވޯޑްސްގައި އެންމެ ކާމިޔާބު ފިލްމަކަށް ވެގެން ދިޔައީ "އޯޕެންހެއިމާ"އެވެ. އެ ފިލްމަށް ޖުމްލަ ހަތް އެވޯޑެއް ލިބުނެވެ.